ބެލޮންޑިއޯ އެވޯޑު

އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ޕެޑްރީ، އެންމެ މޮޅު ގޯލްކީޕަރަކަށް ޑޮނަރޫމާ

ފްރާންސް ފުޓުބޯޅަ މެގަޒިންއިން ހޮވާ އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާ، ކޮޕާ ޓްރޮފީގެ އެވޯޑު ޕެޑްރީ ރޮޑްރިގޭޒް އަދި އެންމެ މޮޅު ގޯލްކީޕަރު، ލެވް ޔަޝިން ޓްރޮފީ އިޓަލީގެ ޖުއާންލުއީޖީ ޑޮނަރޫމާ ހޯދައިފިއެވެ.

ފްރާންސުގައި މިރޭ ބޭއްވި ބެލޮންޑިއޯ ހަފުލާގައި ކޮޕާ ޓްރޮފީ ޕެޑްރީ ހޯދިކަން އިއުލާން ކޮށްފައިވާ އިރު، އޭނާއަކީ މިއަހަރުގެ ގޯލްޑަން ބޯއީ އެވޯޑުވެސް ހޯދި ކުޅުންތެރިޔާއެވެ.

އުމުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓުބޯޅައިން ދޭ ކޮޕާ އެވޯޑު އުމުރުން 19 އަހަރުގެ ޕެޑްރީ ހޯދި އިރު، އޭނާ ވެފައިވަނީ ގޯލްޑަން ބޯއީ އެވޯޑާއި ކޮޕާ ޓްރޮފީ އެއްފަހަރާ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މިދިޔަ ސީޒަނުގައި ޕެޑްރީ ވަނީ ބާސާއަށް އެކަނިވެސް 53 މެޗު ކުޅެދީފައެވެ. އޭގެ އިތުރުން ސްޕެއިނަށް ކުޅުނު މެޗުތަކާއެކު އޭނާ ޖުމުލަ 75 މެޗު ސީޒަންގައި ކުޅެފައިވާ އިރު، ޕެޑްރީ ވަނީ ސްޕެއިންއާއެކު މިދިޔަ ޔޫރޯގެ އެންމެ ޒުވާން ކުޅުންތެރިޔާވެސް ހޯދައިފައެވެ. ޓޯކިއޯ އޮލިމްޕިކްސްގެ ހުރިހާ މެޗެއްގައިވެސް ސްޕެއިނާއެކު ޕެޑްރީ ކުޅެފައިވާ އިރު، އެ މުބާރާތް އޭނާ ނިންމާލީ ރިހި މެޑަލްއާއެކުގައެވެ.

ބެލޮންޑިއޯ ހަފުލާގައި އިއުލާންކުރި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު، ލެވް ޔަޝިން އެވޯޑު ހާސިލުކުރި އުމުރުން 22 އަހަރުގެ ޑޮނަރޫމާ އެމަގާމު ހޯދާފައި ވަނީ އޭސީ މިލާނަށް މިދިޔަ ސީޒަންގައި ދެއްކި ކުޅުމުގެ އިތުރުން އިޓަލީ ގައުމީ ޓީމަށް ދެއްކި ކުޅުމުންނެވެ. ހާއްސަކޮށް ޔޫރޯ 2020 ގައި ޑޮނަރޫމާ ވަނީ ވިދާލައިފައެވެ.

އިޓަލީއަށް ޔޫރޯ ކާމިޔާބު ކޮށްދިނުމުގައި ޑޮނަރޫމާ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، އޭނާއަކީ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ޑޮނަރޫމާ ވެފައި ވަނީ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެވަނަ ގޯލްކީޕަރަށެވެ. ޑެންމާކުން 1992 ވަނަ އަހަރު ތަށި ނެގި ފަހަރު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެންމާކު ގޯލްކީޕަރު ޕީޓާ ޝޫމައިކަލްއެވެ.