މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ސީޒަން ނިމެންދެން ހަވާލުވާނެ ކޯޗަކީ ރާފް ރަންގްނިކް ކަމަށް ކްލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ޔުނައިޓެޑުން ރަސްމީކޮށް ރަންގްނިކް މިއަދު އިއުލާން ކޮށްފައިވާ އިރު، އެ ކްލަބުގެ ތަމްރީނުތަކާ އޭނާ ގުޅޭނީ ވިސާގެ ކަންކަން ހަމަޖެހުމުންނެވެ. އެ ކަންކަން ހަމަޖެހެންދެން ސްކޮޑުގެ ތަމްރީނުތައް ކުރިއަށްދާނީ ކެއާ ޓޭކާ މައިކަލް ކެރިކްގެ ބެލުމުގެ ދަށުންނެވެ. އޮލެ ގުނަ ސޮލްސްޝެއާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރި ފަހުން އެ ކްލަބުން ވަނީ ކެރިކާއެކު ދެ މެޗު ކުޅެފައެވެ. ޗެމްޕިއަންސް ލީގުގައި 2-0 އިން ވިލަރެއާލް ބަލިކުރުމުގެ އިތުރުން ރޭ ކެރިކާއެކު ޔުނައިޓެޑުން ވަނީ ޗެލްސީއާ 1-1 އިން އެއްވަރުކޮށްފައެވެ.
އުމުރުން 63 އަހަރުގެ ރަންގްނިކް ކްލަބުގެ ކޯޗުކަމާ ހަވާލުވީ މި ސީޒަން ނިމެންދެނެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު މި ސީޒަނަށްފަހު ދެ އަހަރު ދުވަހު މަސައްކަތް ކުރާނީ ޔުނައިޓެޑުގެ ކޮންސަލްޓެންސީ މަގާމެއްގައެވެ. ކްލަބުން މިއަދު ވަނީ އެކަންވެސް އިއުލާންކޮށްފައެވެ. ކުރިން ލެއިޕްޒިގާއި ޝާލްކޭގައި ތަފާތު ޓީމުތަކެއް ބިނާކުރި ރަންގްނިކް ޔުނައިޓެޑަށް ދިޔައީ ރަޝިޔާގެ ކްލަބެއް ކަމަށްވާ ލޯކޮމޯޓިވް މޮސްކޯގެ ސްޕޯޓްސް އެންޑް ޑެވަލޮޕްމަންޓް މަގާމެއްގައި ހުރެފައެވެ.
"އަހަރެން މިހުރީ ވަރަށް އުފާވެފައި ޔުނައިޓެޑުގައި މަސައްކަތް ކުރުމަށް. އަދި މިހާރު ފޯކަސް ހުރީ މިއީ ޔުނައިޓެޑާއެކު ކާމިޔާބު ސީޒަނަށް ހެދުމަށް. ޔުނައިޓެޑުގެ ސްކޮޑަކީ ވަރަށް ހުނަރު ހުރި، ޒުވާން އަދި ތަޖުރިބާކާރުންގެ ބެލެންސް ރަނގަޅު ސްކޮޑެއް. އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ފެންވަރު ދައްކަން އަހަރެން ކުރިއަށް އޮތް ހައެއްކަ މަސް ދުވަހު މަސައްކަތް ކުރާނަން،" ރަންގްނިކް ބުންޏެވެ.
އެ ވާހަކައަށްފަހު ރަންގްނިކް ބުނީ ޕްލޭން އޮތީ ދުރު ރާސްތާއަށް ކަމަށާއި، ކޯޗިން ވަޒީފާއަށްފަހު ޔުނައިޓެޑުގެ މުސްތަގުބަލަށް މަސައްކަތްތައް ކުރާނެ ކަމަށެވެ.
"ކްލަބުގެ ދުރު ރާސްތާ މުސްތަގުބަލަށް ވަރަށް ބޮޑަށް ވިސްނުން އެބަހުރި. ކޯޗިން ވަޒީފާއަށްފަހު ބުރަކޮށް އެ މަސައްކަތުގައި އުޅޭނަން،" ރަންގްނިކް ބުންޏެވެ.
ރަންގްނިކަކީ މުޅި ޔޫރަޕްގައިވެސް ހުރި އެންމެ ވަރުގަދަ އެއް ކޯޗެކެވެ. އޭނާއަކީ ގިނަ ކޯޗުންނަކާއި ފުޓުބޯޅަ ތަޖުރިބާކާރުންގެވެސް އިހުތިރާމް ލިބިފައިވާ ކޯޗެކެވެ. ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ދެ ކޯޗުން ކަމަށްވާ ލިވަޕޫލްގެ ޔާގަން ކްލޮޕާއި ޗެލްސީގެ ތޯމަސް ޓުޗެލްވެސް ވަނީ ރަންގްނިކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ރަންގްނިކަކީ މޮޑާން ފުޓުބޯޅައިގެ އެއް ބާނީއެވެ. އޭނާއަކީ ޖަރުމަނުން ތައާރަފުކުރި ހައި ޕްރެސިން، ހައި އިންޓެންސިޓީ ފުޓުބޯޅައިގެ އެންމެ ފުންނާބު އުސް އެއް ކޯޗެކެވެ. ރަންގްނިކް ވަނީ ޖަރުމަނު ޑޮމެސްޓިކް ލީގުގައިވެސް އިންގިލާބީ ނަތީޖާތަކެއް ހޯދައިފައެވެ. ޝާލްކޭއާއެކު 2011 ވަނަ އަހަރު ޖަރުމަން ކަޕް ކާމިޔާބުކުރުމުގެ އިތުރުން އާރްބީ ލެއިޕްޒިގާއެކު އެ މުބާރާތުގެ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ. އޭގެ އިތުރުން ޝާލްކޭއާއެކު 2010-11 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށްވެސް ރަންގްނިކް ދަތުރުކޮށްފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް