މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ ހަރަދުގައި ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުން ބައިތިއްބަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ ހަރަދުގައި ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުން ބައިތިއްބަން ފުލުހުންގެ މުއައްސަސާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ، ކައުންސިލުން ނިންމާފައިވަނީ މާލޭގެ ހަ ޒޯނެއްގައި ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުން ބައިތިއްބަން ކަމަށެވެ. މިއީ މާލޭގައި ދިމާވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފަށާ މަސައްކަތެއް ކަމަށާއި ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުން ތަބާވާނީ ސީދާ ކައުންސިލުގެ ނިންމުންތަކާ އެއްގޮތަށް ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާކަން ފާހަގަ ކުރައްވައި މޭޔަރު އިތުރަށް ވިދާޅުވީ، މާލޭގެ ހަ ޒޯނެއްގައި ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުން ސްޓޭޝަން ކުރުމަށް ހިނގާނެ ހަރަދުތަކާމެދު ފުލުހުންނާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. ސިޓީ ކައުންސިލަށް ގެންނަ ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުންނަށް ދޭން ޖެހޭ މުސާރަ އާއި ހަ ޒޯނަށް ބަހާލައިގެން ޕެޓްރޯލް ކުރާއިރު ކޮންމެ ޒޯނަކަށް ބޭނުންވާނީ ކިތައް ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުންތޯ ފަދަ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްގެ ހަރަދުގައި ސްޓޭޝަން ކުރާ ސްޕެޝިއަލް ކޮންސްޓެބަލް ފުލުހުންގެ ޒިންމާއަކީ މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާކުރުމެވެ. މީގެ އިތުރުން މަގުމަތި ބެލެހެއްޓުމަށް ޓްރެފިކް ވާޑެންގެ ގޮތުގައި މީހުން ނެރޭން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު