އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް އަތުން އުނދަގޫ ޕޮއިންޓެއް ހޯދައި ޗެލްސީ ހަނިކޮށް އެއްވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑު ބްރިޖުގައި ކުޅުނު މެޗު އެއްވަރުވެގެން ނިމުމާއެކު ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ މިވަގުތު އޮތީ އެއް ޕޮއިންޓުގެ ލީޑެއްގައެވެ. ޗެލްސީން މިހާތަނަށް ކުޅުނު 13 މެޗުން އެޓީމަށް 30 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަގައި ވިއްދާފައި އޮތް ސިޓީއަށް ވަނީ 13 މެޗުން 29 ޕޮއިންޓް ލިބިފައެވެ. މެޗުން ޕޮއިންޓެއް ހޯދައި ޔުނައިޓެޑް އޮތީ އަށްވަނައިގައެވެ. އެޓީމަށް 13 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.

މެޗަށް ޔުނައިޓެޑްގެ ކެއާޓޭކާ، މައިކަލް ކެރިކް ނެރުނު ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފައެއް ނުވެއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ކެރިކް ބުނީ މެޗުގެ ފުރަތަމަ 11 އަށް ރޮނާލްޑޯ ނުނެރުނީ އެޓޭކްލައިން ފްރެޝްކޮށްލުމަށް ރޮނާލްޑޯއާވެސް ވާހަކަ ދެއްކުމަށްފަހުގައި ކަމަށެވެ. ރޮނާލްޑޯއާ ނުލައި ޔުނައިޓެޑުން އެޓޭކަށް ނެރުނީ މާކަސް ރަޝްފޯޑާއި ޖޯޑަން ސާންޗޯއެވެ.

މެޗު ފެށިގެން ޕާސްތައް ގިނަކޮށް، އެޓޭކުތައް އުފެއްދީ ޗެލްސީންނެވެ. ޗެލްސީން ކުރިއަށް ޖެހި ޔުނައިޓެޑަށް ނުރައްކާ ކުރަން ބުރަކޮށް މަސައްކަތް ކުރި އިރު، ޔުނައިޓެޑުން ބެލީ ކައުންޓާގެ ފުރުސަތަކަށެވެ. ހާއްސަކޮށް ޔުނައިޓެޑުން ބޮޑަށް ބެލީ ކުރިއަށް ކުޅޭ ރަޝްފޯޑާއި ސާންޗޯގެ ދުވެލި ބޭނުންކޮށް ޗެލްސީއަށް ނުރައްކަލެއް ކުރިމަތި ކުރެވުމަށެވެ.

މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ހަޑްސަން އޮޑޯއީއާއި ހަކިމް ޒިޔެޗް ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އިރު، އެންޓޯނިއޯ ރުޑިގާ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އަނެއްކޮޅުން ޔުނައިޓެޑަށް މާ ބޮޑު ފުރުސަތެއް ފަހިނުވެ ހާފު ނިންމާލަން ޖެހުނު ނަމަވެސް ބޮޑަށް މާޔޫސްވީ ޗެލްސީއެވެ. އެޓީމުން ބޯޅަ ގެންގުޅެ ފުރުސަތު ތަނަވަސްކުރި ނަމަވެސް ހާފު ނިންމާލީ ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފުގައިވެސް ފެނުނީ ހަމަ އެއް ޓެކްޓިކްސްއެކެވެ. ޔުނައިޓެޑުން މަޑުކުރީ ފުރުސަތަކަށެވެ. އެޓީމަށް މެޗުގެ 50 ވަނަ މިނެޓުގައި އެ ފުރުސަތު ލިބުނެވެ. ޗެލްސީގެ ކޯނަރަކުން ޔުނައިޓެޑް ކުރިއަށް ސާފުކޮށްލި ބޯޅަ، ޗެލްސީގެ އެންމެ ފަހަތުގައި ހުރި ޖޯޖީނިއޯ ފައިގައި ޖެހި ކައްސާލައިގެން ދިޔުމުން އެ ބޯޅަ ހިފައިގެން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ސާންޗޯއެވެ. ފަސޭހަ ގޯލެކެވެ. ޖޯޖީނިއޯގެ ބޮޑު ގޯހެކެވެ.

އެ ގޯލަށްފަހު ޗެލްސީން ގޯލަކަށް އިތުރު މަސައްކަތްތަކެއް ކުރިއެވެ. ހާއްސަކޮށް އެޓީމަށް ގިނަ އަދަދެއްގެ ކޯނަރުތަކެއް ލިބެމުން ދިޔައެވެ. އެ ޕްރެޝަރުގައި ޔުނައިޓެޑު އަތުން ލީޑު ބީވެގެން ދިޔައީ ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އޭރިއާ ތެރެއިން ވެން ބިސާކާ، ޗެލްސީގެ ތިއާގޯ ސިލްވާ ފައިގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

މެޗުގެ ފަހު 30 އަކަށް މިނެޓަށް ޔުނައިޓެޑުން ދަނޑުމައްޗަށް ރޮނާލްޑޯ ނެރުނު ނަމަވެސް އޭނާގެ ނުރައްކާ މާ ބޮޑަށް ފާހަގައެއް ނުވެއެވެ. އަނެއްކޮޅުން ޗެލްސީން ވަނީ ފަހު ދިހަ ވަރަކަށް މިނެޓަށް ރޮމެލޫ ލުކާކޫވެސް ކުޅުމަށް ނެރެފައެވެ. ފަހު ކޮޅުގައިވެސް ޗެލްސީއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ. އަނެއްކޮޅުން ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ގޯހަކުން ޔުނައިޓެޑުގެ ފްރެޑަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލިއެވެ.