ޚަބަރު

ނަފުރަތުގެ ބިލް ތަސްދީގުކުރައްވައިފި، މީގެ ފަހުން މުސްލިމަކާ ދިމާއަށް ކާފަރަށް ގޮވުމަކީ ގާނޫނީ ކުށެއް

އިބްރާހިމް ޒަކީ

ސުންނަތް ޖަމާއަތުގެ ރައުޔަކާ ހިލާފު ނުވާ ގޮތަށް ޝުއޫރު ފާޅު ކުރާ މީހަކަށް އަނިޔާއެއް ދޭން ގޮވުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލު (ނަފްރަތުގެ ބިލު) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ އިސްލާހުތައް ގާނޫނަށް ގާނޫނަށް ގެނައީ ދެ ބިލަކުންނެވެ.

ނަމަވެސް އެ ދެ ބިލުވެސް މަޖިލީހުން ފާސްކޮށްފައި ވަނީ އެއް ބިލެއްގެ ގޮތުގައި، މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައެވެ.

މި ދެބިލު މަޖިލީހަށް ހުށަހެޅުމުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބިލަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފައެވެ.

މި ބިލުގައި ގާނޫނުލްއުގޫބާތު ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ. މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެ ކަންކަން ބަޔާންކޮށްފައިވެއެވެ.

އޭގެ ތެރޭގައި ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފު ނުވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ.

ހަމަ އެހެންމެ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުންވެސް ކުށުގެ ގޮތުގައި ހިމަނާފައި ވެއެވެ. އަދި މިއިން އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއި ވެސް ކުށުގެ ގޮތުން މި ބިލުގައި ބަޔާންކޮށްފައިވާ ކަމެކެވެ.

އެހެންނަމަވެސް އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މާއްދާގައި، ކުށް ދަރަޖަ ކުރާ ގޮތްތަކާއި މާނަ ކުރުންތައް ހިމަނާފައިވެއެވެ.

ދެން މިބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތު ގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމަށެވެ.

އެގޮތުން (ހ) ގެ 5 ވަނަ ނަމްބަރުގައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅާފައެވެ.

ހަމަ އެހެންމެ (ހ) ގެ 6 ވަނަ ނަމްބަރުގައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ގުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއް ކަމުގައި ކަނޑައަޅާފައެވެ.

ގާނޫނުލްޢުޤޫބާތަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.