ހަ މަސް ދުވަހުގެ ތެރޭގައި 6.7 މިލިޔަން ރުފިޔާ ދައުލަތް (އިސްލާމިކް މިނިސްޓްރީ) އަށް ދެއްކުމަށް އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މައްޗަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
މި މައްސަލައަކީ އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑުން 1435 ވަނަ އަހަރު ހައްޖަށް ގެންދާނެ ކަމަށްބުނެ، މީހުން ހައްޖަށް ގެންދިއުމާބެހޭ އުސޫލާ ހިލާފަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެކެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް އެމީހުން ފުރަން ކަނޑައެޅި ތާރީހު ކަމުގައިވާ 15 ސެޕްޓެމްބަރު 2015 އައިއިރުވެސް އެމީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް، ފަތުހު ގްރޫޕަށް ހަމަ ޖައްސައި ނުދެވުމުން އެ ގްރޫޕުން އިސްލާމިކު މިނިސްޓްރީގެ އެހީތެރިކަމަށް އެދުނެވެ.
އެގޮތުން 150 މީހުން ހައްޖަށް ގެންދިއުމަށް ޓަކައި، އެމީހުން ވައިގެ މަގުން ސައޫދީއަށް ގެންދިއުމާއި، ހުރުމާއި ކެއުމާއި، މިނޫންވެސް އިންތިޒާމީ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް އެ ގްރޫޕުގެ ފަރާތުން އިސްލާމިކް މިނިސްޓްރީގައި އެދުނެވެ.
މި ގޮތަށް އެ ގްރޫޕުން އެދިފައި ވަނީ، އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީ އިސްލާމިކު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ.
އެ އެއްބަސް ވުމުގައި ވާ ގޮތުން، އެ ކަމަށް ޓަކައި މިނިސްޓްރީން ހަރަދު ކުރާ ފައިސާ ކުންފުންޏަށް ނުދެއްކޭ ހާލަތެއްގައި އަމިއްލަ ހައިސިއްޔަތުން އެ ފައިސާއަށް ޖާމިނުވެ ހުރި މުދަލެއް ވިއްކައިގެން ވެސް ފައިސާ ދައްކައި ހަލާސް ކުރުމަށް އޭނާ ވަނީ އެއްބަސްވެ ޔަގީންކަން ދީފައެވެ.
އެ އެއްބަސް ވުމުގެ ދަށުން އެ ގްރޫޕުގެ 121 މީހުން ސަރުކާރުގެ އެހީގައި އެ އަހަރު ހައްޖަށް ގެންގޮސްފައިވާ ކަމަށް ދައުވާގައި ވެއެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް މުސްތަފާ މިނިސްޓްރީއަށް އެ ފައިސާ ދައްކާފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެކި ފަހަރުމަތިން ފައިސާ ދެއްކުމަށް އިސްލާމިކު މިނިސްޓްރީން އޭނާ އަށް އެންގުމުންވެސް ފައިސާ ނުދެއްކުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި 11 އޮކްޓޯބަރު 2018 ގައި ސިވިލްކޯޓުން ފަތުހު ޖަމާއަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ، އެ ކަމަށް މިނިސްޓްރީން ހަރަދު ކުރިކަމަށް ބުނާ 6.7 މިލިއަން ރުފިޔާގެ ތެރެއިން 1.78 މިލިޔަން މަދުކޮށް 4.9 މިލިޔަން ރުފިޔާ އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ނަމަވެސް އެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން ހުކުމް ކުރީ ކުންފުނީގެ ޑިރެކްޓަރުންވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި، ފަތުހު ޖަމާއަތާއި އެ ކުންފުނީގެ ޑިރެކްޓަރުން ހިމެނޭ ގޮތުން 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލައަކީ، ހައިކޯޓުގެ ހުކުމުގައި އެމީހުން ޒިންމާ ނަގަން ޖެހޭ ގޮތަށް އޮތުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެން އެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ، މުސްތަފާ މުހައްމަދު ދީދީ އާއި މަރިޔަމް ރަޝީދާ އާއި އައިމަނަތު މުހައްމަދު އަސްލަމުގެ އިތުރުން އިސްމާއީލް ސުވެއިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އެ ފައިސާއަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައިވާ ބައި ބާތިލު ކުރާ ކަމަށެވެ. އަދި އެ ފައިސާ ދައުލަތުން ހަރަދު ކޮށްފައި ވަނީ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުސްތާ ދިން ޔަގީންކަމުގެ މައްޗަށް ކަމަށްވާތީ އެ ކުންފުންޏާ އެއްގޮތަށް މުސްތަފާވެސް ދައްކަން ޖެހޭ ފައިސާއެއް ކަމަށްވާތީ، ހަ މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް އެ ފައިސާ ދައްކައި ހަލާސް ކުރުމަށް، ފަތުހު ޖަމާއަތާއި މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް އަމުރު ކުރާ ކަމަށް އެ ހުކުމްގައި ވެއެވެ.
ސުޕްރީމް ކޯޓް