ސައުތު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވެރިއަންޓް، އޮމިކްރޮންގެ ސަބަބުން ދުނިޔެ އަނެއްކާވެސް މިވަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައެވެ.
ކޮވިޑުގެ ޑެލްޓާ ވޭރިއަންޓަށްވުރެ ނުރައްކާތެރި މި ވޭރިއަންޓުގެ ސަބަބުން ރައްކާތެރިވުމަށް ގައުމުތަކުން މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ސައުތު އެފްރިކާ އިން އެމްސްޓަޑަމަށް ދަތުރުކުރި 100 މީހެއްގެ ގައިން ވަނީ މި ވޭރިއަންޓް ފެނިފައެވެ. ޑަޗް އޮފިޝަލުން ބުނާ ގޮތުގައި ސައުތު އެފްރިކާއިން ކޭއެލްއެމް ދެ ފްލައިޓަކުން ދިޔަ 61 މީހަކު ވެސް ވަނީ ޕޮޒިޓިވްވެ ކަރަންޓީނު ކުރެވިފައެވެ.
ނެދަލޭންޑުގައި މިހާރުވެސް ވަނީ ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ، އެގައުމުގެ ބައެއް ސަރަހައްދުތައް ފުރަބަންދުކުރުމަށް ނިންމައި އާދިއްތަ ދުވަހުން ފެށިގެން ބާތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތައް ބަންދުކުރާ ގަޑިތައް އަވަސް ކުރަން ނިންމާފައެވެ.
ސައުތު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓު އޮމިކްރޮން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވަނީ ނޮވެމްބަރު 24 ގައެވެ. މިހާތަނަށް މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ބޮޓްސްވާނާ، ހޮންކޮންގް، ބެލްޖިއަމް އަދި އިސްރާއީލު ހިމެނެއެވެ.
އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ރައްޔިތުންނާއި އައިރިޝް ރައްޔިތުން އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ފަރާތްތައް ފިޔަވައި ސައުތު އެފްރިކާ، ނަމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަޓިނީ އިން ދަތުރުކުރާ ފަރާތްތައް އިނގިރޭސިވިލާތަށް އެތެރެވުން މަނާކޮށްފައެވެ.
އެމެރިކާއިން ވަނީ ޔޫރަޕު އިއްތިހާދުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ސައުތު އެފްރިކާ، ނަމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަޓިނީ އަދި މޮޒާމްބީގުން ދަތުރުކުރާ ފުލައިޓުތަކަށް ހޯމަ ދުވަހުން ފެށިގެން އެތެރެވުން މަނާ ކުރަން ނިންމާފައެވެ.
އޮސްޓްރިއޭލިއާ: ހޮނިހިރު ދުވަހު ވަނީ ސައުތު އެފްރިކާ، ނަމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަޓިނީ، މަލާވީ، ސީޝެލްސް އަދި މޮޒަމްބީގުން އެތެރެވުން 14 ދުވަހަށް ބަންދުކޮށްފައެވެ. އޮސްޓްރޭލިއާގެ ރައްޔިތުން ފިޔަވައި އެގައުމުތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް އޮސްޓްރޭލިއާއަށް ދެ ހަފުތާއަށް ވަނުން ވަނީ މަނާކޮށްފައެވެ.
ޖަޕާން: ސައުތު އެފްރިކާގެ ގިނަ ގައުމުތަކުން ދަތުރުކުރާ ފަރާތްތައް 10 ދުވަހަށް ކަރަންޓީނު ކުރުމަށާއި އެ މުއްދަތުގެ ތެރޭގައި ޖުމުލަ 4 ފަހަރު ކޮވިޑު ޓެސްޓުކުރަން ޖެހޭނެ ކަމަށްވެސް އެގައުމުން މިއަދު ވަނީ ނިންމާފައެވެ.
އިންޑިއާ: ސައުތު އެފްރިކާ، ބޮޓްސްވާނާ އަދި ހޮންކޮންގުން އެގައުމަށް އެތެރެވާ ފަރާތްތައް ކުރިއަށްވުރެ ބޮޑަށް ސްކްރީން ކުރުމަށާއި ޓެސްޓް ކުރެވޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
އިރާން: ސައުތު އެފްރިކާ ހިމެނޭހެން އެ ރީޖަންގެ ހަ ގައުމަކުން އިރާނަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އެ ހިސާބުތަކުން ދަތުރުކުރާ އިރާނު ރައްޔިތުން ގައުމަށް އެތެރެވެވޭނީ ކޮވިޑު ޓެސްޓު ދެފަހަރު ނެގެޓިވް ވުމުން ކަމަށް އެގައުމުގެ ގައުމީ ޓީވީން އާއްމު ކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ.
ބްރެޒިލް: މި ގައުމުންވެސް ވަނީ ސައުތު އެފްރިކާގެ ހަ ގައުމަކުން އެތެރެވުން މަނާކޮށްފައެވެ.
ކެނެޑާ: ސައުތު އެފްރިކާ، ނެމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވާޓީނީ، މޮޒާމްބިގަށް ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.
ތައިލެންޑު: ސައުތު އެފްރިކާގެ 8 ގައުމަކުން ތައިލެންޑަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.
ސައުތު އެފްރިކާއަށް ބަލާއިރު އެގައުމުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ 24 ޕަސެންޓް މީހުންނެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކުން ބޯޑަރުތައް ބަންދުކުރަމުން އައުމުގެ ބަދަލުގައި އެކަމަށް ގެއްލުން ކުޑަވާނެ ގޮތަށް އެންމެފަހުގެ ހޯދުންތަކަށް ބުރަވެ ނިންމުންތައް ނިންމުމަށް އެދިވަޑައިގެންފައެވެ.
ސައުތު އެފްރިކާގެ ހެލްތު މިނިސްޓަރު ޖޯ ފަހްލާ ވަނީ އެގައުމުން ދަތުރުކުރާ ފަތާތްތަކަށް ބޯޑަރުތައް ބަންދުކުރުމަކީ އިންސާފެއް ނޫން ކަމަށް ބުނެފައެވެ. ގައުމުތަކުން ނިންމުންތައް ނިންމަމުން އަންނަނީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށް އެފަރާތުން ފާހަަގަކުރެއެވެ.
ގައުމުތަކުން ކަންބޮޑުވާން ޖެހޭ ދަރަޖައިގައި ޑަބްލިއުއެޗްއޯ އިން ބައެއް ވޭރިއަންޓުތައް ކަނޑައަޅާއިރު އޮމިކްރޮން ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސާން"ގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
މި ވޭރިއަންޓްގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ ވަރަށް ޑާޓާތައް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ލިބެން ހުރި މައުލޫމާތުގެ އަލީގައި ސައިންސްވެރިން އަންނަނީ ހޯދުންތައް ހޯދަމުން ކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާގެ އިންފެކްޝަސް ޑިސީސް ޗީފް ޑރ. އެންތޮނީ ފައުޗީ ވިދާޅުވީ މި ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާނެ ކަމުގެ އުއްމީދު އެބަ އޮތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ