ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް، ބިދޭސީންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ ހާއްސަ އެންޖީއޯއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށްގެންދާ "މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް" މިއަދު ހެނދުނު ފެށިއްޖެއެވެ.
މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއިން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލަކީ ކްރިކެޓް ބޯޑުގެ އިތުރުން އުރީދޫއާވެސް ގުޅިގެން ކުރިއަށްގެންދާ އިވެންޓެކެވެ. މިއަދު އެކުވެނީ ކްރިކެޓް ގްރައުންޑުގައި އިވެންޓް ފައްޓަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މަހުލޫފާއެކު ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އާއި އުރީދޫގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތް ފުރަތަމަ ހުޅުވާލީ 16 ޓީމަށް ނަމަވެސް ތަރުހީބު ބޮޑުކަމުން 19 ޓީމު ބައިވެރިކުރުވާފައިވެއެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މުބާރާތުގެ މެޗުތައް މިއަދު އެއްކޮށް ކުޅެ ނިންމައިލެވޭނެއެވެ. މުބާރާތް ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި އިތުރު ބައެއް ހަރަކާތްތައް ހިންގަންވެސް ވަނީ ނިންމައިފައެވެ.
"މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދޭ. މިހާރުވެސް ހެލްތު ސްކްރީނިންގެ ހަރަކާތް ފެށިގެން ކުޅޭ ސަރަހައްދުގައި ކުރިއަށް އެބަދޭ. ދެން ހަވީރު އޮންނާނެ ހިލޭ ލީގަލް އެޑްވައިސް ދިނުންވެސް. އަސްލު ފުރަތަމަ 16 ޓީމަށް ފުރުސަތު ހުޅުވާލި ނަމަވެސް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން 19 ޓީމަށް ފަހުން ފުރުސަތު ދޭން ނިންމީ،" މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްގެ ރައީސް މިނާހް ފާއިޒް "ވަން"އަށް މިއަދު ވިދާޅުވިއެވެ.
މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލަކީ ބިދޭސީ މަސައްކަތްތެރިން މުޖުތަމައުގައި ބައިވެރިކުރެވޭ މިންވަރު އިތުރުކުރުމާއެކު މަސައްކަތްތެރިންނަށް އެކިއެކި ގޮތްގޮތުން މައުލޫމާތު ފޯރުކޮށްދީ، އަހުލުވެރި ކުރުވުމުގެ މައިގަނޑު މަގުސަދުގައި ބާއްވާ ކްރިކެޓް ކާނިވަލެކެވެ.
މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްގެ ރައީސް މިނާހް ކުރިން "ވަން" އަށް ފާހަގަކުރެއްވި ގޮތުގައި އެހެން ގައުމުތަކުން މަސައްކަތު އައިސް އުޅޭ މީހުންގެ އުދާސްތައް ފިލުވާލުމަށާއި، ކޮމިއުނިޓީގެ ގުޅުން ބަދަހިކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. އެހެންކަމުން މިފަދަ ކާނިވަލެއްގެ ސަބަބުން މަސައްކަތްތެރިންނާ ބޮޑަށް ގާތުން މަސައްކަތްކުރެވި، ކަންކަން ކުރަން ގުޅުން ބޮޑުވެގެން ދާނެ ކަމަށްވެސް މިނާހް ފާހަގަކުރެއްވިއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް