އަންނަ އަހަރު ދެކުނު އެފްރިކާއާއި ނަމީބިއާގެ އިތުރުން ޒިމްބާބުވޭގައި އޮންނަ އޯޑީއައި 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާއި އިންޑިއާ ވާދަކުރާ މެޗުގެ ޓިކެޓް ޑިމާންޑް އާދަޔާހިލާފަށް މައްޗަށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ބުނެފިއެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ސިޔާސީ ވާދަވެރިކަމާއި ކްރިކެޓްގެ ވާދަވެރިކަންވެސް އަބަދުވެސް ބޮޑުކޮށް ފެންނަ އިރު، މިފަހަރު ކްރިކެޓް ވޯލްޑް ކަޕުގައި އެ ދެގައުމުން ކުޅޭ މެޗު އޮންނާނީ ދެކުނު އެފްރިކާގެ ޖޮގަނަސްބާގުގައެވެ. އެއީ އަންނަ އަހަރު އޮކްޓޯބަރު މަހު 10 ވަނަ ދުވަހުއެވެ.
މިފަހަރު މުބާރާތުގެ މެޗުތައް 12 ސްޓޭޑިއަމެއްގައި ހޯސްޓް ކުރާ އިރު، ފައިނަލް މެޗުވެސް އޮންނާނީ ހަމަ އިންޑިއާ ޕާކިސްތާނު މެޗު އޮންނަ ސްޓޭޑިއަމްގައެވެ. އެއީ އަންނަ އަހަރު ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.
އިންޑިއާއާއި ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ކުޅޭނެކަން ޔަގީންވެފައިވާ އިރު، ސުޕަ 7 އަށް ގޮސް އަދި ކުޅެން ޖެހުމުގެ ފުރުސަތުވެސް އެބައޮތެވެ. އަދި ފައިނަލަށް ގޮސްފިނަމަ އެ ދެގައުމުން އިތުރު މެޗެއްވެސް ކުޅެން ޖެހޭނެއެވެ.
އައިސީސީން ބުނެފައި ވަނީ އެމެޗަށް އެކަނި މިހާތަނަށް 8.4 މިލިއަން ޓިކެޓް ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. އެއީ 34،000 މީހުންގެ ސްޓޭޑިއަމަކަށެވެ. އައިސީސީން ބުނެފައި ވަނީ ފުރަތަމަ މަރުހަލާގައިވެސް 193 ގައުމަކުން ތިން މިލިއަން މީހުން އެމެޗުގެ ޓިކެޓަށް ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ. ޖުމުލަ މުބާރާތުގެ މެޗުތަކަށް 120 މިލިއަން ޓިކެޓް ރިކުއެސްޓް އައިސީސީއަށް ލިބިފައިވާ އިރު، ފައިނަލަށްވެސް ލިބިފައި ވަނީ ޕާކިސްތާން އިންޑިއާ މެޗަށްވުރެ މަދު ރިކުއެސްޓެކެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކޮމެންޓް