ޚަބަރު

ދީބާޖާ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން

އިބްރާހިމް ޒަކީ

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި މައްސަލަ ދިރާސާކުރަމުންދާއިރު ފާހަގަވާ ކަމެއް އޮޅުން ފިލުވަން ނެތްނަމަ ދެން ބާއްވާނީ މި މައްސަލަ ނިންމުމުގެ ޝަރީއަތުގެ މަޖިލިސް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މީގެ 11 އަހަރު ކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރިއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިފައެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ދީބާޖާ އިންވެސްޓްމެންޓާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ.

ހައި ކޯޓުގެ ހުކުމް ދީބާޖާ އިންވެސްޓްމެންޓުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ލިބިދޭން ޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއު ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ނިންމާފައިވަނީ އެ ހުކުމް ބާތިލުކުރުމަށެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ. އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ދީބާޖާ އިންވެސްޓުމެންޓުގެ ފަރާތުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އަޑުއެހުމުގައި އިއްވައިފައެވެ. ދީބާޖާ އިންވެސްޓްމެންޓުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަ ނުކުތާއެއް ހުށަހަޅައިފައެވެ. އިސްތިއުނާފީ ނުކުތާތައް ބޮޑަށް ރިއާޔަތްކޮށްފައި ވަނީ ދައުލަތުން މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހައިކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކޮށްފައި އޮތް އޮތުމާ ގުޅޭގޮތުންނެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮތީ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންނަށް ފާހަގަ ކުރެވޭ ކަންތައްތަކާ ބެހޭގޮތުން ދެ ފަރާތާ ސުވާލު ކުރުމެވެ.