ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް، އދ. ފުށިދިއްގާ (ރަށްދިއްގާ) ކުއްޔަށް ހިފުމަށްޓަކައި އަމިއްލަ ކުންފުންޏަކުން ޑިޕޮސިޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ބައިލައްކަ ޑޮލަރުގެ ޗެކާ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހަވާލުވި ނަމަވެސް އެ ފައިސާ އަމިއްލަ ކުންފުންޏަކަށް ޖަމާ ކޮށްފައިވާތީ އެފައިސާ ދެއްކުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 50 އަހަރަށް ކުއްޔަށް ހިފުމަށް ޓަކައި އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށުގެ ހެޑްލީސް ގެ ގޮތުގައި ދައްކަން ޖެހޭ ޖުމުލަ ލީސް އެކުއިޒިޝަން ކޯސްޓަށް ވާ ތިންމިލިއަން ޑޮލަރުގެ ތެރެއިން ބައިލައްކަ ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ޓަކައި، އެ ކުންފުނިން ދޫކުރި ޗެކް އެމްއެމްޕީއާރުސީއާ ހަވާލު ކޮށްފައި ވަނިކޮށް އެފައިސާ އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައި ވާ ކަމަށާއި އެފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ބުނެ، އެ ޗެކުގައިވާ ފައިސާ އަނބުރާ ދައުލަތަށް ދިނުމަށް އެމްއެޗްއާރު ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.
ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރެނުދިނުމުން ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަަލަ ބަލައި ހައިކޯޓުން ހުކުމް އިއްވަމުން ބުނެފައި ވަނީ، ޑިޕޮސިޓް ފައިސާގެ ގޮތުގައި އެޗްއެމްއެޗްއައި އިން ފޮނުވި 50،000 ޑޮލަރުގެ ޗެކް އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ކަމުގައި ބުނެ އެ ވައުޗަރުގައި އެމްއެމްޕީއާރުސީގެ ފަރާތުން އަބްދު الله ޒިޔަތު ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެއީ އދ. ފުށިދިއްގާގެ އިކުއިޒިޝަން ގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށްވެސް ޒިޔަތު ސޮއިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ބަދަލުގައި އެ ޗެކު ޖަމާވެފައި ވަނީ އެމްއެޗްއާރު ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮތް އެކައުންޓަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްއަކީ އެއިރު ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާގެ ކުންފުންޏެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ހުކުމްގައިފާހަގަ ކޮށްފައިވެއެވެ.
މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އޭގެ އިތުރުން އެ ފައިސާ އަކީ ދިވެހި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ސާބިތު ވާތީ، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އެމްއެޗްއާރުގެ މައްޗަށް އަންގާކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެއެވެ.