މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ އެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.

2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބޭން ޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެގޮތުން 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފައި ކަމަށް ބުނެފައިވެއެވެ.

"މީގެ އިތުރުން ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ވަނީ ހޯދިފައި. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްގީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވޭ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަހުގީގަށް ފާހަގަވެފައިވޭ." އޭސީސީން ބުންޏެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާއެވެ. ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ އެއް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދައި ތަރައްގީ ކުރަންވާނެކަމަށާއި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހްތިޔާރާއި އެއްބަސްވުން ބާތިކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނަގަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މައްސަލައިގެ އިތުރުންވެސް އެމްއެމްޕީއާރުސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާ ކުރަމުންގެންދާކަމަށް އޭސީސީން ބުނެފައިވެއެެވެ.