މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާއެވެ. މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ.

އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އޭނާގެ ފިރިމީއާ އެކު ރާއްޖެ އައީ ވ. ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ.

20 ޖޫން 2026، ވީއައިއޭ، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އަލްމުދޭނާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބޮޑުބެރުގެ ހަރަކާތްތަކާއި ސަފާގީ ނެށުންތަކާއެކު އަލްމުދޭނާއަށް މަރުހަބާ ކިޔާފައިވާ އިރު، އޭނާއަށް މަރުހަބާ ކިޔަން ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލްމުދޭނާއަށް ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން، އެމްއޭސީއެލް އަދި ވިޒިޓް މޯލްޑިވްސް އިން ވަނީ އެކި ހަދިޔާތައް ދީފައެވެ.

20 ޖޫން 2026، ވީއައިއޭ، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ސަރުކާރުން މި އަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.