ދިވެހި ބޭންޑު، "2 އޮފް އަސް" އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއޭއެމްސީ) އިން އެ ބޭންޑާއެކު ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް މެދުކަނޑާލައިފިއެވެ.

"2 އޮފް އަސް" ލީޑު ވޯކަލިސްޓު އަހްމަދު އަދުހަމްއަށް ފައިސާގެ މުއާމަލާތްތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތާއި އެ ބޭންޑަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް ގެންގުޅޭ ބޭންޑެއްކަމާއި އެއީ "ވަން މޭން ޝޯ" އެއް ކަމަށް ތުހުމަތުކޮށް އެ ބޭންޑުގައި އިސްކޮށް މަސައްކަތްކުރި ބައެއް ފަރާތްތަކުން ވަނީ އެ ބޭންޑުން ވަކިވެފައެވެ.

ވިޒިޓް މޯލްޑިވްސް އެމްބެސެޑަރަކަށް "2 އޮފް އަސް" ހަމަޖެއްސީ 7 ޖުލައި 2025ގައެވެ.

ނަމަވެސް އެމްބެސެޑާޝިޕް ބާތިލުކުރިކަން އަންގައި މިދިޔަ މަހު 22 ގައި ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، "2 އޮފް އަސް" އަދުހަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ބޭންޑާ ގުޅޭ ގޮތުން ފެތުރެމުންދާ ނޭދެވޭ ވާހަކަތަކުގެ އަސަރު އެ ކުންފުންޏަށް ފޯރާތީ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލަން ވީއެމްސީގެ މެނޭޖްމަންޓުން ނިންމާފައި ކަމަށެވެ.

އެ ސިޓީގައި ޝިއުރީ ވިދާޅުވީ، އެ ސިޓީ ފޮނުވި ތާރީހުން ފެށިގެން "2 އޮފް އަސް" ގެ އެއްވެސް ހަރަކާތެއްގައި އަދި އެއްވެސް ސިފައެއްގައި ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރު ކަމަށް ދައްކައިގެން ނުވާނެ ކަމަށާއި ވިޒިޓް މޯލްޑިވްސްގެ ނަމާއި ލޯގޯ އައި ބްރޭންޑިން އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

"2 އޮފް އަސް" އަކީ އިންޑިއާގެ ބެޓްލް އޮފް ބޭންޑްސްއިން ތިން ވަނަ ލިބުނު ބޭންޑެވެ.