ކަރިމް ބެންޒެމާ

އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގައި ބެންޒެމާއަށް ޖޫރިމަނާއަކާއެކު ޖަލު ހުކުމެއް

އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކަން މަސައްކަތް ކުރި މައްސަލަ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރީމް ބެންޒެމާގެ މައްޗަށް ސާބިތުވެ، އޭނާގެ މައްޗަށް ޖަލު ހުކުމަކާއެކު ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފިއެވެ.

އަންހެނަކާއި ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ފައިސާ ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާއަށް ކުރީ 2015 ވަނަ އަހަރުއެވެ. އޭރު ވަރަށް ގަދައަށް އެ ވާހަކަތައް ދެކެވި ފްރާންސް ގައުމީ ޓީމުން ބެންޒެމާ ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލައިފައެއް ނުވެއެވެ. އެގޮތަށް ގިނަ ދުވަސްތަކެއް ވަންދެން މައްސަލަ އޮތުމަށްފަހު މިއަހަރު ޖެނުއަރީ މަހު ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށެވެ.

އެ މައްސަލައިގެ ތެރެއިން ބެންޒެމާ ފްރާންސް ސްކޮޑުން ބޭރުކުރި ނަމަވެސް، ޔޫރޯއަށް އޭނާ ވަނީ އަލުން ސްކޮޑަށް ނަގައިފައެވެ. މިވަގުތު ފޯމުގައި ހުރި ބެންޒެމާއަކީ މިހާރު ފްރާންސް ޓީމުގެ މުހިއްމު ކުޅުންތެރިއެއްވެސް މެއެވެ.

ފްރާންސްގެ ކޯޓުން މައްސަލަ ބެލުމަށްފަހު މިއަދު ނިންމީ ބެންޒެމާ އެއް އަހަރަށް ޖަލަށް ލުމުގެ އިތުރުން 84000 ޑޮލަރުން ޖޫރިމަނާ ކުރާށެވެ. ބެންޒެމާގެ މައްޗަށް ކުރި ޖަލު ހުކުމަކީ ސަސްޕެންޑެޑް ހުކުމެކެވެ. ސަސްޕެންޑެޑް ހުކުމެއް ނަމަ، އެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ ކުށް އަލުން ތަކުރާރު ކޮށްފި ނަމައެވެ.

ބެންޒެމާގެ ފަރާތުން ބުނެފައި ވަނީ ހުކުމް އިސްތިއުނާފު ކުރަން ތައްޔާރުވެ، މިހާރު އެކަމަށް ވަކީލުންގެ ޓީމު ތައްޔާރަށް އޮތް ކަމަށެވެ.