ޚަބަރު

އާ ބަޖެޓާއެކު ގައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި އަދި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ 36.99 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިއަދު ފާސްކުރި ބަޖެޓަކީ މިހާތަނަށް ހުށަހެޅިފައިވާ ބަޖެޓުތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. އަދި މި ވެރިކަމުގެ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށާއި މި ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި 105 ޕަސެންޓަށް އަރާނެ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

"ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހި ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތް، އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއްކަން ވަރަށް ހިތާމައާއެކު މި ކޯލިޝަނުން ފާހަގަކުރަން. މި ބަޖެޓަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ބަޖެޓުގައިވާ ފައިސާގެ ބޮޑު ބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި ބޮޑެތި ހަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެން ކަމަށެވެ. އަދި މި އަދަދު ކުޑަކޮށް، ސީދާ ރައްޔިތުންނާ ގުޅޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެލޮކޭޓް ކުރަން މި ކޯލިޝަންގެ މަޖިލިސް މެމްބަރުން ތަކުރާރުކޮށް އަޑުއުފުލާފައިވާ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކައިގެން 50 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ނިންމާފައިވުމަކީ ނުރައްކާތެރި ރޭވުމެއް ކަމަށާއި މިހާރުވެސް ކިޔަވައިދޭ މަދަރުސާތަކާއި ހޮސްޕިޓަލުތަކާއި ރައްޔިތުންގެ އިމާރާތްތައް މޯގޭޖުކޮށް ލޯނު ނަގަމުންދާއިރު ދައުލަތުގެ ދަރަނި އެތައް ގުނައަކުން ބޮޑުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"މި ކޯލިޝަންގެ މަޖިލިސް މެމްބަރުން ވާނީ ތަކުރާރުކޮށް ފައިސާ ޗާޕު ނުކުރުމަށާއި މިހާރު އޮތްގޮތަށް މި ބަޖެޓް ފާސްނުކުރުމަށާއި ބަޖެޓުގައި ހުރި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް، ސަރުކާރުގެ ވެރިންގެ ދަތުރުތަކަށް ކުރާ ހަރަދުން ބައެއް އުނިކޮށް، ސަރުކާރު ހިންގުމުގެ ހަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓް ބައްޓަންކުރުމަށް ގޮވާލާފައި. އަދި އެކަމާ މަޝްވަރާ ކުރުމަށްވެސް ތަކުރާރުކޮށް އެދިފަ،" ބަޔާނުގައިވެއެވެ.

ބަޖެޓް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުން ބައިވެރިނުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ބަޖެޓު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބެލުމަށްފަހު ބަޖެޓު ކޮމިޓީން ފާސްކުރި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެހެވެ. ބަޖެޓަށް އިތުރު 73 މިލިއަން ރުފިޔާ އިތުރުކުރަން ނިންމީ ބަޖެޓު ކޮމިޓީންނެވެ. ބަޖެޓަށް އިތުރުކުރި 73.8 މިލިއަން ރުފިޔާއަކީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ އިތުރުން ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް 16.4 މިލިއަން ރުފިޔާއެވެ.

ބަޖެޓް އިތުރު ކުރަން ފާސްކުރި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ)، އިންތިގާލީ އިންސާފުގެ އޮފީސް (އޮމްބަޑްސްޕާސަން އޮފީސް)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ހޯދަން ޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާ އިރު، އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވައިފައެވެ.