ޚަބަރު

ފައިސާ ޗާޕްކުރަން ސަރުކާރަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން (ފައިސާ ޗާޕް ކުރަން) ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފައިވާ އަދަދު ދަށް ކުރުމަށް ލަފާދީ، މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް އެ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ހުއްދައިގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކުރީ، އެމްއެމްއޭގެ ގަވަރުނަރުގެ ލަފައާއެކު، ކޮމިޓީން ގެނައި ބަދަލުތައް ހިމަނައިގެންނެވެ.

ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވިފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށާއި އެ ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު 2.5 ޕަސެންޓް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރު 2023ގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަށާއި 1 ޖެނުއަރީ 2022 އިން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯ ކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް، އޯވަޑުރޯ ކޮށްފައި ހުންނަ އަދަދުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުގެ އިންޓްރެސްޓެއް އެމްއެމްއޭއަށް ނެގުމަށްވެސް ކޮމިޓީން ވަނީ ހިމަނައިފައެވެ.

ކޮމިޓީން ގެނައި އެ ބަދަލުތަކާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ދައުލަތުގެ މަރުކަޒީ ބޭންކުން ނަގާ ދަރަންޏެއްނަމަ އެ ފައިސާ 90 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ކަމަށް، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނާ އިރު، އެ އަކުރަށް އަމަލުކުރުން އިސްތިސްނާ ކުރެވޭނީ މަޖިލީހުގެ ހުއްދައާއެކު މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި ގާނޫނުގައި ބުނާ ގޮތުން މަޖިލީހަށް ދެވޭނީ ހަމަ އެކަނި އިސްތިސްނާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ހިންގާނެ ގޮތް ނިންމުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރާން ޖެހެނީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައި އެކަން ކުރާނެ ގޮތުގެ ތަފްސީލު ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޮމިޓީ ރިޕޯޓުގެ ނިންމުމުގެ ގޮތުގައި އޮތީ، ދަރަނި 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރުން، އަދި އެފަދަ ބޮންޑެއްގެ އިންޓްރެސްޓް ރޭޓްވެސް ވަނީ ކޮމިޓީން ކަނޑައަޅައިފަ، ގާނޫނުގައި މިވަނީ އިސްތިސްނާ ދިނުމަށް، އިސްތިސްނާ ދިނުމަށްފަހުގައި އެކަން ހިންގާނެ ގޮތް އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއާ ދެ ފަރާތުން ނިންމާނެ ނިންމުމެއް، އެހެންވީމަ އިސްތިސްނާ ދިނުމަށް މަޖިލީހުގެ މެންބަރުން ވަނީ ނިންމަވައިފަ. ކޮމިޓީންވެސް ވަނީ ނިންމަވައިފަ. އިސްތިސްނާ ދިނުމާމެދު ހިލާފެއް ވެސް ނުއުފެދޭ. އަދި ދަތިކަމެއްވެސް ނާދޭ، އުނދަގޫ ކަމެއް އަޅުގަނޑަށް ދިމާވެފައި އޮތީ އިސްތިސްނާ ދިނުމުގެ ތެރޭގައި ކޮމިޓީން ވަނީ އޭގެ ތަފްސީލުވެސް ބަޔާން ކޮށްފައި. އެ ތަފުސީލަކީ މަރުކަޒީ ބޭންކުގެ އިންޑިޕެންޑެންސް، މިނިވަން ކަމަށް އަރައިގަނެވޭ ތަފްސީލެއްގެ ގޮތުގައި ފާހަގަކުރެވޭ، ހާއްސަކޮށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އެ ބާވަތުގެ ކަންކަން ފާހަގަކުރެވޭނެ،،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާ މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީގެ އެ ހުށަހެޅުންތަކަކީ ސަރުކާރަށް މަޖިލީހުން ދޭ ލަފައެއްގެ ގޮތުގައި ބަދަލުކުރަން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ. މަޖިލިސް ރައީސް އެދިވަޑައިގެންނެވި ގޮތަށް، ނާޝިޒު އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅައި ފާސްކުރިއެވެ.

އެ އިސްލާހުތަކާއެކު ދައުލަތުގެ ބަޖެޓް ފޫބެއްދުމަށް ބޭނުންވާ ފައިސާ ޗާޕްކުރުމަށް ދިން މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްްބެވި 45 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ އިދިކޮޅު ޕީއެންސީގެ ދެ މެންބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދެވެ.