މުޙައްމަދު އަސްލަމް

މާލޭން ބޯހިޔާވަހިކަން ހޯދަން ރަށްރަށުގެ ރައްޔިތުންނަށް އޮތް ފުރުސަތު ކުޑަ، ނަމަވެސް އެއީ ބޭއިންސާފެއްނޫން: އަސްލަމް

އިބްރާހިމް ޒަކީ

1

މާލޭން ބޯހިޔާވަހިކަން ހޯދަން ރަށްރަށުގެ ރައްޔިތުންނަށް އޮތް ފުރުސަތު ކުޑަ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެއީ މިވަގުތަށް ބޭއިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުުގެ ވަގުތުގައި ބައެއް މެންބަރުން މިނިިސްޓަރާ ކުރެއްވި ބައެއް ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

އޭގެ ތެރެއިން، މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލޭން ބޯހިޔާވަހިކަން ހޯދުމަށް ކުރިމަތިލެވޭނެ ގޮތް، ރަށްރަށުގެ މީހުނަށް ނެތްކަން ފާހަގަ ކުރައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ދިވެހިންގެ އާދަ ކާދަ އޮންނަ ގޮތް ކަމަށެވެ.

"ދިވެހިންގެ އާދަ ކާދަ ހުންނަގޮތުން އަޅުގަނޑުމެންގެ ދިިރިއުޅުމުގައި ގޯތި ގެދޮރުގެ ކަންތައް މި ހަމަޖައްސަނީ އެމީހަކު ދިރިއުޅޭ ތަނެއްގައި، އެތަނަކުން އަޅުގަނޑުމެން އެއްޗެއް ހޯދަނީ އަދި ލިބެނީވެސް، އެއީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެކަން އޮންނަ ގޮތް އެއާދަ ކާދައިގެ ތެރޭގައި ދިރިއުޅެމުން އަންނަ ބައެއްގެ ތެރޭގައި އަޅުގަނޑުމެން މިމާލޭގައި ފަސްހާސް އާއިލާ އެބައޮތް އެހެން ތަނެއްގައި އެމީހުންނަށް ވާރުތަ ކުރާނެ ތަންކޮޅެއްވެސް ނެތް،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭން ބޯހިޔާވަހިކަން ދިނުމުގައި އެ ފަސް އާއިލާއަށް އިސްކަން ދިނުމަކީ ބޭއިންސާފެއްނޫން ކަމަށެވެ.

އެގޮތަށް ތަފާތު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފްކަމެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވުމުން، ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ، އެކަމަކީ ގާނޫނުއަސާސީއާވެސް ހިލާފް ކަމެއްނޫން ކަމަށެވެ.

ރަށް ރަށުގައިވެސް އެކަން ހިނގަނީ އެގޮތަށް ކަމަށާއި، އިސްކަން ދިނުމަކީ ގާނޫނުއަސާސީއާ ހިލާފްކަމެއްނޫން ކަމަށް ތަކުރާރު ކުރައްވައި މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިންނަށް އިސްކަން ދިނުމާއި، އެކަނިވެރި މައިންނަށް އިސްކަން ދިނުމުގެ އިތުރުން 18 އަހަރު ފުރުުން އަލަތު ކައިވެނި ކުރާ މީހުންނަށް ފްލެޓް ދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުން އިސްކަން ދިނުމަކީވެސް ގާނޫނުއަސާސީއާ ހިލާފް ކަމެއްނޫން ކަމަށެވެ.