ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އަމިއްލައަށް ފަށައިގެން ނިންމާފައިވާ އެއްވެސް މަޝްރޫއެއް ނޯންނާނެ ކަމަށާއި، އެގޮތަށް އަޅައި ނިންމާފައިވާ އެންމެ ގެއެއްވެސް ނޯންނާނެ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، ވޭތުވެދިޔަ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ނިންމާފައި ހުރީ، 2008 ވަނަ އަހަރު، އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތައް ކަމަށެވެ.
ނަމަވެސް އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތްތައް ނިންމަމުން ދަނީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބަދަލުވަނީ ސަރުކާރުތައް ކަމަށާއި ދައުލަތް ދެމިގެން އޮންނަ ކަމަށެވެ. އެހެންކަމުން ސަރުކާރު ބަދަލުވި ނަމަވެސް ކުރީގެ ސަރުކާރުން ރަނގަޅު ޕްރޮޖެކްޓެއް ފަށައިފަ އޮތްނަމަ، އަންނަ ސަރުކާތަކުން އެކަންތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.