ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަ ދީފައިވާ މާއްދާ ޓޫރިޒަމް މިނިސްޓްރީން މިއަދު ބާތިލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އެގޮތުން އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ ވަނީ މިނިސްޓްރީން އުނިކޮށްފައެވެ.

އެ މާއްދާގައި ވަނީ "ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ، އުކައިލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ، ބަޔޯޑީގްރޭޑަބަލް ތަކެއްޗެވެ. އަދި މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް" ކަމަށެވެ.

މިނިސްޓްރީން މި ގަވާއިދު އުވާލާފައި މިވަނީ ރ. އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެ ރިސޯޓަށް އަޅައިފައެއް ނުވެއެވެ.

އެމަރެލްޑު ރިސޯޓުން ކަނޑަށް އެޅި ކުނި އެ ރިސޯޓުގައި މަސައްކަތްކުރި ޑައިވަރަކު ވަނީ ނަގައިގެން ގޮސް ރިސޯޓުގެ ރިސެޕްޝަނުގައި ބަހައްޓައިފައެވެ. މި މައްސަލައިގައި އޭނާ ވަނީ އެ ރިސޯޓުން ބާލައިފައެވެ.

މީގެ އިތުރުންވެސް މިއަހަރު ކުރީކޮޅު ވަނީ ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުން އަންނަ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތައް މަޖިލީހަށް ހާޒިރުކޮށްފައެވެ. ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނެވެ.