ކޮވިޑާއެކު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ސިއްހީ ނިޒާމަށެވެ. އެ ނިޒާމުގެ ލޯޑު ބޮޑުވެ ވޮލަންޓިއަރުންނަށް ދާންދެން، ދަސްކުރާ ކުދީންނަށް ދާންދެން ނެރޭން ޖެހުނެވެ. ކިރިޔާވެސް ކަމެއް އެނގޭ މީހެއް ނަމަ ނުކުމެދޭން ރައީސުލްޖުމްހޫރިއްޔާ ވެސް އިލްތިމާސް ކުރެއްވި އެވެ. މިއީ އެ ނިޒާމަށް ބާރު ބޮޑުވި މިންވަރެވެ. ސިއްހީ ކަންކަމުގައި މުޅި ރާއްޖެ މާލެއަށް ބަރޯސާވެފައި އޮންނަ އިރު، ކޮވިޑުގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއެކު ޖެހުނީ މާލެ ތަޅުލާށެވެ. މިއީ އަތޮޅުތަކަށް ބަލި ނުފެތުރުމަށް ކަމާ ގުޅޭ އިދާރާތަކުން އަޅާން ޖެހުނު އުނދަގޫ އެހެން ނަމަވެސް މަޖުބޫރު ފިޔަވަޅެކެވެ.
މި ފިޔަވަޅާއެކު ކޮންމެހެން އިމަޖެންސީ ހާލަތެއްގައި ނޫނީ ސިއްހީ ހިދުމަތް ހޯދަން މާލެ އާދެވޭކަށް ނެތެވެ. ދެން ބަރޯސާ ވާން ޖެހުނީ އަތޮޅުތެރޭގައި ގާއިމުކޮށްފައި ހުރި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށެެވެ. އެގޮތުން އެރަށްތަކަށް ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. ޝެޑިއުލް ކޮށްގެން ހާއްސަކޮށް ސިއްހީ ކަންކަމަށް މީހުން އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލް ތަކަށް ގެންދިޔުމަށް ފެރީތައް ބޭއްވި އެވެ.
ކޮންމެއަކަސް މާލެ އަންނަން އެކުރާ ހަރަދާއި މާލެ އައިސް ތިބުމުގެ ހަރަދަށްވުރެ އެތައް ގުނަ ކުޑަ ހަރަދެއް ކޮށްގެން ރަށްރަށުން އެ ހިދުމަތް ލިބުމަކީ ބޮޑު ފަސޭހައެކެވެ.
މީގެ ކުރިން މާލެއިން ނޫނި ނުކުރެވޭ ވަރުގެ ބޮޑު ދެ އޮޕަރޭޝަނެއްވެސް އަތޮޅުތެރެއިން ކުރެވިގެން ދިޔަތަން ފެނިގެން ދިޔައެވެ. މިކަން ވެގެންދާނީ ސިއްހީ ނިޒާމަށް ވަރަށް ބޮޑު ކުރިެރުމެއް ލިބުނު ކަމަކަަށެވެ. އެގޮތުން އައްޑޫސިޓީގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރި ނިއުރޯ ސާޖަރީ (ނާރުގެ އޮޕަރޭޝަނެއް) ކުރުން ވެފައި ވަނީ މާލެއިން ބޭރުގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރަށެވެ. އެހެން ކަމުން ބޮޑެތި ހަރަދުތަކެއް ކޮށް މާލެ ނައިސް މިފަދަ އޮޕަރޭޝަނެއް އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށެއްގައި ކުރެވޭނެކަން ދިޔައީ ހާމަވެގެންނެވެ.
އޭގެ އިތުރުންވެސް މާލެއިން ބޭރުގައި ކަކުލު ހުޅު ބަދަލު ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކުރެވުނެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށަކަށް އެމްބިއުލާންސް ވަނީ ފޮނުވާފަ އެވެ.
މިދިޔަ ދެތިން އަހަރު ތެރޭގައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ޒަމާނީ ކުރުމަށް ތަފާތު ވިސްނުންތައް ނެރެ، އޭގެ އަމަލީ މަސައްކަތްތައް ވަނީ އެކި މަރުހަލާގައި ފެށިފަ އެވެ. އަތޮޅު ތެރޭގެ ސިއްހީ ނިޒާމަށް އައި އެންމެ ބޮޑު ކުރިއެރުމަކީ އެކި ބަލި ތަކަށް ހާއްސަ ޑޮކްޓަރުން އިތުރު ކުރެވުމާ އެކު ސީދާ އަތޮޅުތަކުން އިތުރު ފަރުވާތައް ލިބޭނެ ގޮތް ފަހި ކުރުމެވެ. އަދި ހަމަ އެހެންމެ ޓާޝަރީ ހޮސްޕިޓާ ތަކާއި ބޮޑެތި ބަލި ތަކަށް ހާއްސަ ހޮސްޕިޓާތައް އަތޮޅު ތެރޭގައި ގާއިމު ކުރުމަށް މިހާރު އެކުލަވައިލައި މަސައްކަތް ކުރަމުން އަންނަ ޕްލޭން ހަގީގަތަކަށް ވުމުން، އަތޮޅުތެރޭގެ ސިއްހީ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ އެވެ.