ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއި ކޮށްފިއެވެ.
އަކޫ މާޒިޔާއާ ގުޅުނު ކަން ކްލަބު މިއަދު އިއުލާނު ކޮށްފައިވާ އިރު، މިއީ އަކޫ މާޒިޔާ ޖާޒީގައި ފެންނާނެ ދެވަނަ ފަހަރެވެ. މީގެ ކުރިން އަކޫ ވަނީ 2011 ވަނަ އަހަރުވެސް މާޒިޔާއަށް ކުޅެފައެވެ.
ފުޓުބޯޅަ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ޑިފެންޑަރު އަކޫ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ކްލަބު ވެލެންސިއާ އަދި ވީބީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.
އުމުރުން 34 އަހަރުގެ އަކޫ އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ލީޑާޝިޕް ރަނގަޅު، ޑިސިޕްލިން ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އަކޫއަށް 2018 ވަނަ އަހަރުން ފެށިގެން ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ވެސް ދީފައެވެ. ގައުމީ ޓީމަށް 65 އަކަށްވުރެ ގިނަ މެޗު އަކޫ ކުޅެދީފައިވާ އިރު، އޭނާ ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްވެސް އުފުލައިލައިފައެވެ.
އަކޫއަކީ އަންނަ ސީޒަނަށް މާޒިޔާއިން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. އިއްޔެ ކްލަބުން ވަނީ ނޭޕާލް ގައުމީ ޓީމުގެ ކެޕްޓަން، އަދި ގޯލްކީޕަރު ކިރަން ކުމާރު ސޮއިކުރިކަން އިއުލާން ކޮށްފައެވެ. މިހާރުވެސް ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ކުޅުންތެރިން ހިމެނޭ މާޒިޔާގެ ޓީމަށް ކިރަން އާއި އަކޫ ފަދަ ތަޖުރިބާކާރު ދެ ކުޅުންތެރިން އިތުރުވެގެން ދިޔުން ވެގެންދާނީ އެ ކްލަބުން އޭއެފްސީ ކަޕުގައި ކުރިއަށް ދާން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރަކަށެވެ.
މިސީޒަނަށް މާޒިޔާއިން ނުކުންނާނީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގެ ދަށުންނެވެ. މާޒިޔާއިން މިދިޔަ ސީޒަންގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު އުފުލާލި ނަމަވެސް އޭއެފްސީ ކަޕް ދިޔައީ އުނދަގޫކޮށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުލުގައި މާޒިޔާއި ނިންމާލި އިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު