ކުޅިވަރު

ހިތުގެ މައްސަލަތަކުގެ ސަބަބުން އަގުއޭރޯ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ!

ހިތުގެ މައްސަލަތަކުގެ ސަބަބުން އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އިތުބާރުހުރި ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ސްޕެއިންގެ އެންމެ އިތުބާރު ބޮޑު އެއް ނޫސްވެރިޔާ ޖެރާޑް ރޮމޭރޯއާ ހަވާލާދީ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ހިތުގެ މައްސަލަތަކެއްގެ ސަބަބުން އަގުއޭރޯ ކުޅުން ހުއްޓާލަން ނިންމައި، އެކަން އޭނާގެ ކްލަބު ބާސެލޯނާއަށްވެސް އަންގާފައިވާ ކަމަށެވެ. އެކަން ސަޕޯޓަރުންނަށް އިތުރަށް އޮޅުން ފިލުވައިދިނުމަށް އަންނަ ހަފުތާގައި އަގުއޭރޯ ހާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ އާޖެންޓީނާ ފޯވަޑް އަގުއޭރޯ ކުޅުން ހުއްޓާލަން އުޅޭ ކަމަށް ނޫސްތަކުން ކުރިންވެސް ބުނެފައިވެއެވެ. ނަމަވެސް އެފަހަރު އަގުއޭރޯ ބުނީ އެ ނިންމުން ނުނިންމާ ކަމަށާއި ޕޮސިޓިވް ވިސްނުމެއްގައި ތިބުމަށެވެ.

ބާސާއިން މިދިޔަ މަހު އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯ ނޭވަޔަށް އުނދަގޫވެ ދަނޑުން ބާލަން ޖެހިފައިވާ އިރު، ދަނޑުން ބާލައިގެން އަގުއޭރޯ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމުން އަގުއޭރޯގެ ހިތުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބާސާއިން އޭރު ބުނެފައި ވަނީ ދެމަސް ދުވަހަށް އަގުއޭރޯ ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނެފައި ވަނީ އަގުއޭރޯގެ ހިތުގެ މައްސަލަ ކުރިއަށްވުރެ ސީރިއަސް ކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ކޮންމެހެންވެސް ރިޓަޔާވާން ޖެހޭ ކަމަށެވެ.

އަގުއޭރޯއަކީ މެންޗެސްޓާ ސިޓީއަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. މިދިޔަ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން އަގުއޭރޯ ބާސާ އަށް ބަދަލުވެފައިވާ އިރު، އެ ކްލަބު ޖާޒީގައި ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ މަހުއެވެ. އޭގެ ކުރިން ހުރީ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގައެވެ.

އަގުއޭރޯ ވަނީ ކްލަބު ކެރިއަރުގައި އިންޑިޕެންޑިއެންޓޭ އާއި އެތުލެޓިކޯ މެޑްރިގެ އިތުރުން މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައެވެ. އެ ކްލަބުތަކަށް އޭނާ ޖުމްލަ 386 ގޯލު އަގުއޭރޯ ޖަހައިދީފައިވާ އިރު، ގައުމީ ޓީމަށްވެސް އޭނާ ވަނީ 101 މެޗު ކުޅެދީ 41 ގޯލު ޖަހައިދީފައެވެ. އަގުއޭރޯ އަކީ މިއަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެކެވެ.