މާލޭގެ މަގުމަތިން ރޭ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.
އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، ފައިސާ ހޯދުމަށް އެ މީހާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރިން ދަނިކޮށް ކަމަށެވެ. އަދި ފައިސާ ނުދިނުމުން އަނިޔާކޮށް ރަހީނުކުރި ކަމަށާއި އިރު އަރަންދެން އެގޮތަށް އަނިޔާކުރި ކަމަށް ބުންޏެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލީ މައުލޫމާތު ހޯދަން "ވަން" އިން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރަށް ގުޅުމުން، މައުލޫމާތު ސާފުކުރުމަށްފަހު ފަހުން ގުޅާނެ ކަމަށް ބުނި ނަމަވެސް، ފަހުން ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރަހީނު ކުރި ސިފައިންގެ މީހާގެ ފޯނު ވަނީ ފޭރިގެންފައެވެ. އަދި އޭނާގެ މޫނުމައްޗާއި ބުރަކައްޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު