ޚަބަރު

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މިނިމަމް ވޭޖަށްވުރެ މާ މަތިން އާމްދަނީ ހޯދައިދިނުން: މައުސޫމް

ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މިނިމަމް ވޭޖަށްވުރެ މާ މަތިން އާމްދަނީ ހޯދައިދިނުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން އިއްޔެ ގެނެސްދިން ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މިނިމަމް ވޭޖަށްވުރެ ބޮޑަށް ކަންތައްތައް ބައްޓަންކުރަނީ އެ ދާއިރާގެ މުވައްޒަފުންނަށް އެއަށްވުރެ މާ މަތިން އާމްދަނީ ލިބޭނެ ގޮތަށް ކަމަށެވެ.

"ޓޫރިޒަމް ދާއިރާގައި އަޅުގަނޑުމެން މިނިމަމް ވޭޖުގެ ވާހަކައަށް ވުރެ ބޮޑަށް މި ދައްކަނީ މަސް ނިންމައިލެވޭ ވަރަށް އާމްދަނީން ޖީބުގައި ފައިސާ ބާކީ ބަހައްޓަން. އެހެންވީމާ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް މުސްތަގުބަލުގައި ރަނގަޅު އާމްދަނީއެއް ލިބޭނެ. މިނިމަމް ވޭޖު އޮތްތާ ބާއްވާ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ބޭނުންވަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދަން ކަމަށާއި އެކަމަށް އޮތް ހުރަހަކީ ސަނަދު ނެތުން ކަމަށެވެ. އަދި ސަނަދު ހޯދައިދިނުމަށް ދިވެހި މުވައްޒަފުންނަށް އަމާޒުކޮށް މިހާރު ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމާ މުސްތަގުބަލުގައި އިރާދަކުރެއްވިއްޔާ ރަނގަޅު ދިވެހި މުވައްޒަފުން ތިބޭނީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ގޮތަށް. އެނގިވަޑައިގަންނަވާނެ އިއްޔެ އިކޮނޮމިކް މިނިސްޓްރީން ހިސާބުތައް ހާމަކުރި އިރު، ވަރަށް މަތީ އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން އުޅޭނެ. 25،000ގެ މުސާރައެއް އެއީ އާންމު އަދަދެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެކަމުގެ ސަބަބުން މިހާރު އެވަރަށް މުސާރަ ނުދޭ ތަންތަނުން އެވަރަށް މުސާރަ ދޭން ޖެހޭނެ ކަމަށެވެ.

މިމަހުގެ އަށްވަނަ ދުވަހު ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ދަށުން ކުދި ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 7,000 ރުފިޔާ ދިނުމަށެވެ. އަދި ޕަބްލިކް ސެކްޓަރުގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ ނުވަތަ ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް ގަޑިއިރަކަށް 33.65 ރުފިޔާގެ މަގުން ދިނުމަށެވެ.