ރިޕޯޓް

ތިމާވެއްޓަށް ފަހި ހެޔޮ ބަދަލުތަކެއްގެ ތިން އަހަރު

ކުޑަކުޑަ ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ހައިސިއްޔަތުން މިއަދުވެސް ހުއްޓި މިހުރީ މޫސުމާ ގުޅިގެން ކުރިންވެސް ދެއްކެވި ވާހަކަތައް ތަކުރާރު ކުރުމަށް. މިއަދުގެ ހާލަތަށް ބަލައި ރާއްޖެ ފަދަ ގައުމެއް ދެމިއޮތުން ނުރައްކަލަކަށް ވެއްޓިފައިވާތީ، މޫސުމާ ބެހޭގޮތުން ކުރިންވެސް ދެއްކި ވާހަކަތައް އަލުން ތަކުރާރު ކުރުން ނޫން ގޮތެއް ނެތް. ކިހާވަރެއް ވީމަތޯ އަޅުގަނޑުމެންގެ ވާހަކަތައް ތިބޭފުޅުން އަޑުއައްސަވާނީ؟" ސްކޮޓްލެންޑުގެ ގްލާސްގޯގައި ދާދި ފަހުން ކުރިޔަށް ގެންދިޔަ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް، ކޮޕް26 ގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ މި ވާހަކަފުޅުން ސަރުކާރުން ތިމާވެއްޓަށް ދޭ އަހަންމިއްޔަތު ހާމަވެއެވެ. ތިމާވެށި ރައްކާތެރި ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ކުރަމުން އަންނަތަން ފެނިފައިވެއެވެ. ތިމާވެށީގެ ހައްގުގައި މުޅި ދުނިޔެ ހޭލުންތެރި ކުރުމަށްވެސް އެތައް މަސައްކަތެއް ރާއްޖެއިން އަންނަނީ ކުރަމުންނެވެ.

ތިމާވެއްޓަށް ގާނޫނީ ހިމާޔަތް:

މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދިޔަ އެއް ކަމަކީ ގާނޫނީ ގޮތުން ތިމާވެއްޓަށް ހިމާޔަތް ދިނުމެވެ. އެގޮތުން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި ތިމާވެއްޓާ ގުޅުން ހުރި މުހިންމު ބިލްތަކެއް ފާސްކޮށްފައެވެ. އެ ބިލްތައް ރައީސް ސޯލިހު ވަނީ ތަސްދީގު ކުރައްވައިފައެވެ.

އޭގެ ތެރެއިންވެސް އެންމެ މުހިންމު ބިލަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރާ ބިލެވެ. މި ބިލާއެކު ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ވާނެއެވެ. އެގޮތުން ރައީސް ވަނީ 12 ބާވަތެއް މިއަހަރުގެ ޖޫން މަހުން ފެށިގެން އެތެރެ ކުރުން މަނާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި އާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅުގެ އިތުރުން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓް ކުރާ ސުޕާރީ ހިމެނެއެވެ. ނަމަވެސް އެއަށް އަމަލު ކުރުން ފަހުން ވަނީ ފަސްކޮށްފައެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަނީ މިކަމަށް މަރުހަބާ ކިޔައިފައެވެ. އަދި ސިންގަލްޔޫސް ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ މަސައްކަތްތައް ފަށައިފައެވެ. އެގޮތުން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމާއި ފެން ކުންފުނިތަކުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ބާޒާރަށް ނުރުމުގެ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

މީގެ އިތުރުން ސަރުކާރުން ތަސްދީގު ކުރި އެންމެ މުހިންމު އެއް ބިލަކީ ރާއްޖޭގެ ހަކަތައިގެ ބިލެވެ. މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކާއި ހަކަތައިގެ ހިދުމަތް ގާއިމުކުރުމާއި ހިންގުމުގެ ތެރެއިން ތިމާވެއްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުންތައް ވެސް ހިމަނާފައިވެއެވެ. އަދި ރާއްޖެ ނެޓް ޒީރޯގެ ގައުމަކަށް ހެދުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަން ޖެހޭ ޕްލޭން އެކުލަވައިލުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލާއެކު ރަށްރަށުގެ ކައުންސިލުތަކަށްވެސް ބޮޑެތި ބާރުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން އެ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ދޭ ކަރަންޓުގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅޭނެއެވެ. އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކޮށް އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ ފަސޭހަ ނިޒާމެއް އެކުލަވައިލަންވެސް މި ބިލުން ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެތައް މަޝްރޫއުތަކެއް:

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް މިހާރުވެސް ރާއްޖެއިން ދަނީ ފެންނަމުން. މިދިޔަ މަހުގައި އަޅުގަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހަ ރަށަކަށް ކުރި ދަތުރުތަކުގެ ތެރެއިން އެ ހަ ރަށުންވެސް ރަށް ގިރުމުގެ މައްސަލަތައް ވަނީ ފެނިފައި. މޫސުމީ ބަދަލުތަކުން ދިމާވާ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މިއީ އެންމެ މިސާލެއް. ރާއްޖޭގެ ރަށްތައް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކަނޑަށް ގަރަގުވަމުން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މި ވާހަކަފުޅުންވެސް ރާއްޖޭގެ ހާލަތު އޮތް ގޮތް ހާމަވެގެންދެއެވެ. ރަށްރަށުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ގޯސްވަމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލި އެތައް ރަށެއް މިދަނީ އެ ބިރުވެރިކަން ތަހައްމަލު ކުރަމުންނެވެ. އެކަންކަމަށް ސަރުކާރުން ކެނޑިނޭޅި އަންނަނީ ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް، ހުރިހާ ރަށަކަށްވެސް ތަރައްގީ ގެނެސްދިނުމުގެ ވިސްނުމުގެ ދަށުން ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ ވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކަން ފާހަގަ ވެއެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަކީ މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.

މި ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހު ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ފަށައިފައެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ނިންމާފައިވާއިރު، އެތައް މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރިއަށެވެ. އަދި ގިނަ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ވަނީ ހަވާލުކޮށްފައެވެ. އަމާޒަކީ ރާއްޖޭގެ ރަށްތައް ގިރުމަށް ދިމާވާ މައްސަލަ ވީހާވެސް ބޮޑަކަށް ހައްލު ކުރުމެވެ.

12 އަހަރަށްފަހު ކޮޕަށް

ތިމާވެށީގެ އެންމެ ބޮޑު އެއް ހަރަކާތަކީ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26) އެވެ. މިއަހަރުގެ ތިމާވެށީގެ އެންމެ ބޮޑު ހަރަކާތަކީވެސް އެއީއެވެ. މިއަހަރުގެ ކޮޕް26 ރާއްޖެއަށް ހާއްސަވާ ވަރަށް ބޮޑެތި ސަބަބުތައްވެސް ހުއްޓެވެ. މި ފަހަރު ރާއްޖެއިން މި ސަމިޓުގައި ބައިވެރި މި ވީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އިނގިރޭސިވިލާތުގެ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިއަހަރު ކުރިއަށްދިޔަ ކޮޕް26ގައި ރާއްޖެއިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެ ރާއްޖޭގެ އަޑު އުފުލައިފައެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ތިމާވެށީގެ ސަބަބުން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވައިފައެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއް ނެތި ދިއުމުގެ ބިރު އޮތް މިންވަރު މުޅި ދުނިޔެއަށް އަންގައިދެއްވައިފައެވެ. އެކަމުގެ ހެކިތައްވެސް ސާފުކޮށް ބަޔާންކޮށްދެއްވިއެވެ.

"ބިންތިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަކީ މޫސުމީ ވަބާގެ ސަބަބުން ދުނިޔޭގެ ޗާޓުން ފޮހެވިގެންދާނެ ކަމަށް ބެލެވިފައިވާ އެއް ގައުމު. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އުޅެން ޖެހިފައިވާ ދަތި، ބިރުވެރި ހާލަތު. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ތަހައްމަލު ކުރަމުންދަނީ. މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ނުހޯދައިފިނަމަ މި ގަރުނު ނިމޭއިރު ރާއްޖެ ދެމިއެއް ނޯންނާނެ،" ކޮޕް26 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ކޮޕް26 ސަމިޓްގައި ދުނިޔޭގެ އެންމެ އިސް ލީޑަރުންނާ ބައްދަލުކުރައްވައި ތިމާވެއްޓަށް ޓަކައި ރާއްޖެއިން ދޭ އަހަންމިއްޔަތުގެ ބޮޑުކަން ދައްކުވައިދެއްވައިފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައިގެންނެވި ކޮޕް 26ގެ ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައިވެސް ރައީސް ވަނީ ވަރަށް ފުޅާދާއިރާއެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ގިނަ ވާހަކަފުޅުދައްކަވައިފައެވެ.

މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މުޅި ދުނިޔެ ބަލައިގެންފައިވާ އެއް ހެއްކަކީ ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ކަންކަން ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ވިލަރެސްކުރުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު މިނިސްޓަރު އާމިނަތު ޝައުނާ ހަމަޖައްސެމެވެ. ކޮޕް ސަމިޓްގައި ރާއްޖެއިން ދެއްކި ނަމޫނާއަކީ ހުރިހާ ދިވެހިންވެސް ފަހުރުވެރިވާނެ ނަމޫނާއެކެވެ.

ތިމާވެށީގެ ހިމާޔަތުގެ ދަށަށް އެތައް ސަރަހައްދެއް

ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ގުދުރަތީ އެތައް ކަމެއް އެކުލެވޭ ގައުމެކެވެ. އެތަންތަން ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ ދިވެހިންގެވެސް ވާޖިބެކެވެ. އެހެންކަމުން މި ސަރުކާރުން މިވަނީ އެކަންކަމަށްވެސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ކަނޑައެޅުމެވެ. ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވަނީ މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ބ. އަތޮޅު އެކަންޏެވެ. ނަމަވެސް މިއަހަރު ރައީސް ސޯލިހު ވަނީ އައްޑު އާއި ފުވައްމުލަކު ސިޓީ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައަޅުއްވައި، އެ ދެ ސިޓީގެ ގުދުރަތީ ވެށި ރައްކާތެރިކޮށްދެއްވައިފައެވެ.

މީގެ އިތުރުންވެސް ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓާ ގުޅުންހުރި ގުދުރަތީ އެތައް ސަރަހައްދުތަކެއް ހިމާޔަތް ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު 15 ރަށެއްގެ ތިމާވެއްޓާ ގުޅުން ހުރި ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ކާށިދޫގެ މޯލްޑިވްސް ވިކްޓްރީ ނައު އުރިފައިވާ ސަރަހައްދާއި ކާށިދޫ ޗަސްބިންގެ އިތުރުން ހދ. ކޭލަކުނާއި ހއ ބިލެއްދޫ ތިލަ ސަރަހައްދާއި ހދ. އިންނަފުށި އަދި ށ. ބޮލިއްސަފަރު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކު ހިމެނޭހެން 10،000 ހެކްޓަރުގެ ސަރަހައްދެއް މި ސަރުކާރުން ވަނީ ހިމާޔަތް ކޮށްފައެވެ. ކޮންމެ އަތޮޅަކުން ވެސް ވަކި ސަރަހައްދުތަކެއް ހިމާޔަތް ކުރުމަށް ސަރުކާރުން ވަނީ ނިންމައި އިއުލާނު ކޮށްފަ އެވެ.

ކުނީގެ މައްސަލައަށް ބޮޑެތި ހައްލުތަކެއް:

ކުނީގެ ވާހަކަ ދެކެވުމުން އެންމެ ފުރަތަމަވެސް ކޮންމެ ދިވެއްސެއްގެ ސިކުނޑީގައި ދައުރުވާ ނަމަކީ ތިލަފުއްޓެވެ. ތިލަފުއްޓަކީ ޒަމާނުއްސުރެ ކުނި ނައްތާލުމަށް ރާއްޖޭގައި ބޭނުން ކުރެވުނު "ވަސީލަތެ"ވެ. ހުރިހާ ކުންޏެއް އެ ރަށަށް ޖަމާކޮށް، ނައްތާލުމުުގެ މަސައްކަތަކީ އެންމެ ކުރިންވެސް ކުރަމުން އަންނަ މަސައްކަތެވެ. އެއީ ކުނީގެ ރަށެވެ.

ނަމަވެސް އެތަނުގައި ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަތަކަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ނަމަވެސް މި ސަރުކާރުން މިއަދު މިވަނީ އެ މައްސަލައަށް ހައްލު ގެނެސްފައެވެ. ސަރުކާރުން ވަނީ ތިލަފުށީގައި އަރާ ދުން ހުއްޓުވުމަކަށް ގެނެސްފައެވެ. އެގޮތުން އެރަށު ކުނިގޮނޑު މެނޭޖް ކުރަން ބޭނުން ކުރާނެ ލޭންޑްފިލް ކޮމްޕެކްޓަރެއް ގެނެސް އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.

މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީ އާއި އޭއައިއައިބީ އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި ވަނީ ފަށައިފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.

އަތޮޅު ތެރޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށްވެސް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމުކުރުމާއި ތިމާވެއްޓާ ރައްޓެހި ގޮތަށް ކުނި ނައްތާލުމުގެ ނިޒާމުތައް ގާއިމު ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޒަމާނުއްސުރެ ޖަމާވެފައިވާ ކުނިތައް މިސަރުކާރުން ވަނީ ހުސްކޮށްފައެވެ. އެއީ ގާތްގަނޑަކަށް 29000 ޓަނުގެ ކުންޏެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ތިމާވެއްޓަށް ވަރަށް ވެސް މުހިންމު އިތުރު ހެޔޮ ބަދަލެއް ގެނެސްފަ އެވެ. އެއީ ރިސޯޓުތަކުން މޫދަށް ކުނި އެޅުން މަނާ ކުރުމެވެ. މިއީ ރާއްޖޭގެ ކަނޑުފަޅުގެ ސާފު ކަމާއި ވެށި އެތައް ތަނަކުން ސަލާމަތް ވުމަށް މަގުފަހި ކޮށްދޭނެ މުހިންމު ނިންމުމެއް ކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ. މި ހަފުތާގެ ތެރޭގައި އެ ނިންމުން ޓޫރިޒަމް މިނިސްޓްރީން ނިންމުމާ އެކު، ދެން އެއްވެސް ރިސޯޓަކަށް އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަކަށް ނޭޅޭނެ އެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ގައުމެކެވެ. އެހެންކަމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހޭނެ އެއް ގައުމަކީވެސް ރާއްޖެއެވެ.

ތިމާވެއްޓާ މެދު އެންމެ ގަދަޔަށް އަޑު އުފުލައި، ތިމާވެށީގެ މައްސަލަ ތަކަށް ހައްލު ހޯދައި ޖަޒީރާ ރާއްޖެއެއްގެ ބޭއްވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ވެސް އަންނަނީ ފެންނަމުންނެވެ.