ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުން ހޯދި ޖަޒުބާތީ މޮޅާއެކު ލަންކާ ފައިނަލް ޔަގީންކޮށްފިއެވެ.

ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ޗަކަވެފައިވާ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ލަންކާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ލަންކާ މެޗުން މޮޅުވީ ފަހު ވަގުތު ޖެހި ޕެނަލްޓީން މެޗުގެ ކުރި ހޯދައިގެންނެވެ. މިރޭގެ މޮޅަކީ ލަންކާއިން 18 މެޗަށްފަހު ހޯދި މޮޅެކެވެ. އެގައުމުގެ ފުޓުބޯޅައަށް މިރޭގެ މެޗު ހާއްސަވީ 2019 ވަނަ އަހަރަށްފަހު މޮޅެއް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނެވުނީތީއެވެ. އަދި މިއީ ކޯޗު އާމިރު އަލަގިޗުގެ ކޯޗުކަމުގައިވެސް އެޓީމު ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ކޯޗު އަލަގިޗާއެކު މުޅި ޓީމުވެސް ފެނުނީ އަސަރާއެކު އުފާފާޅުކުރި ތަނެވެ.

ލަންކާއިން މެޗުގެ ބޮޑު ބައިގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެ ހޯދި މޮޅާއެކު އެޓީމަށް ފައިނަލުގެ ފުރުސަތު ޔަގީންވި އިރު، ފައިނަލުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ ސީޝެލްސްއެވެ. ފައިނަލުގައި މުބާރާތުގެ ހޯސްޓް، ލަންކާ އާއި ސީޝެލްސް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ އެވެ.

މިރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ލަންކާއިން ވަނީ ލީޑު ނަަގައިފައެވެ. އޭރިއާބޭރުން ލަންކާގެ ކަވިންދޫ އިޝާން ޖެހި ބޯޅަ ބަންގުލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ޒީކޯ އަތުގައި ޖެހިފައި ނުކުތުމުން ގޯލަށް ވައްދާލީ ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހި ވަސީމް ރަޒީކެވެ.

އެ ގޯލަށްފަހު ބަންގުލަދޭޝްގެ އެޓޭކުތައް ފުލުފުލުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި އެޓީމަށް ޕެނަލްޓީއެއްވެސް ލިބި ބޭކާރުވިއެވެ. ބަންގުލަދޭޝްއަށް ޕެނަލްޓީ ލިބުނީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް ގަސްދުގައި އަތުން ޖައްސައި، ބޯޅަ ގޯލަށް ވަނުމަށް ހުރަސް އެޅުމުންނެވެ. އެ ޕެނަލްޓީއާއެކު ޑަކްސަންއަށް ރެފްރީ ސީދާ ރަތް ކާޑު ދައްކާފައިވާ އިރު، ބަންގުލަދޭޝްގެ އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ލަންކާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ފުރަތަަމަ ހާފު ނިމުމުގެ ކުރިން ބަންގުލަދޭޝް އިން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރިއެވެ. އެގޮތުން ފުލުފުލުގައި ބަންގުލަދޭޝް އިން ފޮނުވާލި ދެ ހަމަލާއެއް ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ބަންގުލަދޭޝްއިން ފުލުފުލުގައި ހަމަލާތައް އުފައްދަމުން ގޮސް މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށް އުންމީދު އާކުރިއެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ގޯލަށް ވައްދާލީ މުހައްމަދު އިބްރާހީމެވެ. އެ ގޯލާއެކު ބަންގުލަދޭޝް ފައިނަލުގެ އުންމީދުގައި ތިބި ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ލަންކާއަށް ޕެނަލްޓީއެއް ލިބި މެޗު މުޅިން ބަދަލުވިއެވެ. ބަންގުލަދޭޝްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީވެސް ވަސީމް ރަޒީކެވެ.