އަތޮޅުތެރޭގައި ކޮވިޑުގެ ހާލަތު ގޯސްވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
ކޮވިޑުގެ ސަބަބުން މިހާރުވެސް އަތޮޅު ތެރޭގެ 30 ރަށެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ އުސްމާން " ވަން" އަށް މިއަދު ވިދާޅުވީ އަތޮޅުތެރޭގެ ހާލަތު ގޯސްވެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ރަނގަޅަށް އަމަލު ނުކުރާތީ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށަ ރަށްރަށުގެ ޓާސްކްފޯސްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޮނިޓަރިންގައި ރަށެއް އޮންނަ ހާލަތުގައި އެރަށެއްގެ ހުރިހާ ތަންފީޒީ އިދާރާތަކުން އެކަންތައް މޮނިޓާ ކުރެވޭނެ ކަމަށާއި. އެޗްޕީއޭގެ ގައިޑްލައިންތައް ހުރިހާ ރަށަކަށް ފޯރުކޮށްދީ ޕޯސްޓް ކޮށްފައިވާ ކަމަށްވެސް ތަސްލިމާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތު މާލޭ ސަރަހައްދުގައި ރަނގަޅުވެފައިވީ ނަމަވެސް ރަށްރަށުގެ ހާލަތު ވަނީ ގޯސްވެފަ އެވެ. ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވީނަމަވެސް ރަށްރަށުގައި ކޮވިޑު ފެތުރުން ކޮންޓްރޯލެއް ނުވެ އެވެ.