ޚަބަރު

އާރްސީސީން އިމާރާތްކުރާ "ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއު އިފްތިތާހުކޮށްފި

އަލީ ޔާމިން

ރަޝީދު ކާފެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ "ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއު އިފްތިތާހު ކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

"ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާރްސީސީއާ ހަވާލު ކުރީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަމްބަރު S1/1 ގައި ޖުމުލަ 24،098.22 އަކަފޫޓޫ ހުންނަ ބިމުގައި އެ މަޝްރޫއުގެ ދަށުން 116 ޔުނިޓް އިމާރާތް ކުރާނެ އެވެ. އޭގެ ތެރެއިން 78 ޔުނިޓް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ އެވެ. ބާކީ 38 ޔުނިޓަކީ އާރްސީސީން ބޭނުން ވާ އަގެއްގައި ވިއްކިދާނެ ޔުނިޓް ތަކެކެވެ.

އެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރްސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ، އާރްސީސީން މަސައްކަތް ކުރަނީ އިމާރާތްކުރުމުގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމަށް ކަމަށާއި "ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއަކީ އެ ކުންފުނިން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއު އިފްތިތާހު ކޮށްދެއްވައި، މިނިސްޓަރު އަސްލަމް ވިދާޅުވީ، އާރްސީސީއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ "ދަ ބްލޫ ހެވަން ރެސިޑެންސް"ގެ ވާޗުއަލް ރިއާލިޓީއެއް މިނިސްޓަރު އަސްލަމަށް ދައްކާލައިފައެވެ.

"އަޅުގަނޑަށް ހަމަ ހީވަނީ އިމާރާތުގެ ތެރޭގައި ހުރެވޭހެން. ފާހާނާތައްވެސް ވަރަށް ރީތި، ބެލްކަނިވެސް އެހާ ރީތި. އަޅުގަނޑު ހިތަށް އެރި އެތަނުން ގޮދަޑިއެއްގައި އޮށޯންނަންވެސް." ބްލޫ ހެވެންގެ ވާޗުއަލް ރިއާލިޓީ ބެއްލެވުމަށް ފަހު ފެނިވަޑައިގެންނެވި މަންޒަރުތައް ސިފަކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ދަ ބްލޫ ހެވަން ރެސިޑެންސް" މަޝްރޫއުގެ ޑީޓެއިލް ޑްރޯއިން އަށް ހުއްދަދޭ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.