މަހަށް ގޮސް އުޅުނު ދިވެއްސަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ މަހަށް ގޮސް އުޅެނިކޮށް ހާލު ދެރަވި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 5:20 ހާއިރު އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ ނޭވާ ނުލާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ތިނަދޫގެ "ވޭވް" ދޯނީގެ ފަޅުވެރިއެއް ކަމަށްވާ އަހުމަދު ހަސަނެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިސަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެމީހާ މަރުވީ ހާޓް އެޓޭޖެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މަރުވި ސަބަބު އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.