ފޭސްބުކް މެދުވެރިކޮށް ދިވެހި ދައުލަތައް ޓެރަރިޒަމްގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ ހދ. ނޭކުރެންދޫ، ޝާޒިން، އަހުމަދު މުނާޒް ނުވަތަ އަބޫ ޔޫސުފް (ފޭސްބުކް ފޭކްއައިޑީ)އާ ދެކޮޅަށް ހުށަހަޅަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެއް ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުލަތުން ވިދާޅުވެއްޖެއެވެ.
މުނާޒުގެ މައްޗަށް ދައުލަތުން ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ، އަބޫ ޔޫސުފް އަކީ މުނާޒު ބޭނުންކުރާ ފޭކް ފޭސްބުކް އައިޑީއެއް ކަމަށާއި، އެ އައިޑީ ބޭނުން ކޮށްގެން ދައުލަތަށް އިންޒާރުދީފައި ކަމަށާއި، މުނާޒު އަކީ ޓެރަރިސްޓު ޖަމާއަތް އައިއެސްގެ މެންބަރެއްގެ އަތުން ފައިސާ ހޯދި މީހެއް ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ. ދައުލަތުން އިތުރަށް ވިދާޅުވީ މުނާޒުއާ ދެކޮޅަށް ބޭރު ގައުމަކުން ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
މުނާޒުއާ ދެކޮޅަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން މުނާޒުގެ ހަރަކާތްތައް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ދައުލަތުން ރިޕޯޓުގެ ވާހަކަ ވިދާޅުވުމުން މުނާޒުގެ ދިފާއި ވަކީލު ހުސްނީ މުބާރިކް ވަނީ އެ ރިޕޯޓު ހާމަކުރުމަށް އެދިފައެވެ. ނަމަވެސް އެއީ ސިއްރު ކޮށްފައިވާ ހެއްކަކަށް ވުމުން އެ ރިޕޯޓު ހާމައެއް ނުކުރެއެވެ.
ހުސްނީ މުބާރިކް ވިދާޅުވީ، މުނާޒު އައިއެސް އަށް ނިސްބަތްވާ މީހެއްގެ އަތުން ފައިސާ ހޯދައިފައި ނުވާނެ ކަމަށެވެ. އެއީ ފޭސްބުކުގައި އެހީ ހޯދަން ކުރި ޕޯސްޓެއް ފެނިގެން މީހަކު ވެސްޓާން ޔޫނިއަން މެދުވެރިކޮށް ދިން ފައިސާ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ މުނާޒު އަށް ފައިސާ ފޮނުވާފައިވަނީ އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހެއް ކަމަށެވެ.
ޝަރީއަތް ނިމެންދެން މުނާޒު ބަންދުކޮށް ބެހެއްޓުމަށް ނެރެފައިވާ އަމުރު ގާޒީ ވަނީ ދަމަހައްޓަވައިފައެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު