ޝަރުއީ ދާއިރާގެ ބަޖެޓުގެ ބޮޑުބައެއް ތީމުގޭގެ މަރާމާތަށް ހަރަދުކުރަން ޖެހުމުގެ ކަންބޮޑުވުން ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ފާހަގަކޮށްފިއެވެ.
އިއްޔެ ހަވީރު ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ވިދާޅުވީ، ޖުޑިޝަރީ ރީފޯމް ކުރުމަށާއި، ކޯޓުތަކަށް މުވައްޒަފުން ނަގައި ފަނޑިޔާރުން ތަމްރީނު ކުރުމަށް ޖުޑިޝަރީ އެޑިއުކޭޝަން ކޭމްޕުތައް ބާއްވައި އަދުލުއިންސާފުގެ ކަންތައް އަވަސްކޮށް ކޯޓުތައް މަރާމާތުކުރަން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމަށެވެ.
ރިޒްނާ ވިދާޅުވީ ސުޕްރީމް ކޯޓު އިމާރާތްކޮށްފައިވާ ގޮތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބަޖެޓުގެ ބޮޑުބައެއް ދަނީ ތީމުގޭގެ މަރާމާތަށް ކަމަށެވެ. އެގޮތުން ތީމުގޭގެ ސީލިންގާއި އެތާގައި ހުންނަ ޖަނެރޭޓަރުގެ މެއިންޓެއިންސް މަސައްކަތަށް ވަރަށް ބޮޑު ހަރަދެއްކުރަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ތީމުގެ ބެލެހެއްޓުމުގެ ޒިންމާ ޝަރުއީ ދާއިރާއިން އުނިކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ފިނޭންސް މިނިސްޓްރީން އެކަމަށް ޖަވާބެއް ދީފައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ތީމުގޭގެ ކަންތައް ބެލެހެއްޓުން އުނިކޮށްދީފިނަމަ ގިނަ އަދަދެއްގެ ފައިސާ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށެވެ. އޭނާ ވަނީ ތީމުގޭގެ ސީލިންގު ބަދަލުކުރުމުގެ ހިޔާލުވެސް ބަޖެޓު ކޮމިޓީއަށް ދެއްވައިފައެވެ.
މާލޭ ސަރަހައްދުގެ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އަދުލުއިންސާފު ލިބުން ލަސްވާކަން ފާހަގަކުރައްވައި ރިޒްނާ ވިދާޅުވީ، މާލޭ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މަރާމާތަށް އަންނަ އަހަރުގެ ބަޖެޓުން 20 މިލިއަން ކުޑަކޮށްފައިވުމުގެ ސަބަބުން ކޯޓުތަކުގެ ޖާގަ އިތުރުކޮށް ޝަރުއީ ދާއިރާ ދުވެލި އަވަސްކުރުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ކޯޓުތަކުގެ މަރާމާތު ލަސް ކުރާނަމަ ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު އިތުރުވާނެ ކަމަށެވެ.
ރިޒްނާގެ ވާހަކަ ދައްކަވައި ނިމުމުން ބަޖެޓު ކޮމިޓީގެ މެންބަރު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ކޯޓުތައް މަރާމާތުކުރަން ބަޖެޓު ބޮޑުކުރަން އެދެން ޖެހުނީ ކުރީ ސަރުކާރުތަކުން އެކަމަށް އިހުމާލުވުމުން ކަމަށެވެ. ދެން ވިދާޅުވީ، ފަނޑިޔާރުން ތަމްރީނު ކުރާ މަސައްކަތުގެ ތަފްސީލު ދިނުމަށެވެ.
އެކަމާ ގުޅިގެން ރިޒްނާ ވިދާޅުވީ، ފަނޑިޔާރުންނަށް ހާއްސަ ކޮށްގެން ލީގަލް ނޫނީ ޖުޑިޝަރީ އެޑިއުކޭޝަން ކޭމްޕުތައް ބާއްވާ ކަމަށާއި، އެކަން މިހާރު ކުރަނީ ބަޖެޓުގެ ތެރެއިން ނޫން ކަމަށެވެ. ޖުޑިޝަރީ އެޑިއުކޭޝަނަލް ކޭމްޕުތައް ބާއްވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް ފަސޭހައިން ފެންނާނެ ފަދަ އޮންލައިން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެމެރިކަން ބާ އެސޯސިއޭޝަނާ ގުޅިގެން ކުރަމުންދާތީ އެކަމަށްވެސް ބަޖެޓު ބޭނުންވާ ކަމަށެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، އަންނަ އަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓު ރަނގަޅު ކަމަށެވެ. ރިޒްނާ ވިދާޅުވި ގޮތަށް ތީމުގެއަށް ކުރަން ޖެހޭ ހަރަދު މަދުކުރަން ޖެހޭ ކަމަށް ބޮންޑެ ވެސް ގަބޫލު ކުރެއްވިއެވެ.
ޝަރުއީ ދާއިރާއަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 107.4 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު