ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލީ، ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައެވެ.

އެއީ އޭނާ، އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ޑރ. ޒިޔާދުގެ މައްޗަށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ 60 ދުވަހުގެ ތެރޭގައެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ނިންމެވުމާ ދޭތެރޭގައި ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން މި ހަފުތާ ތެރޭގައި އެ މައްސަަލަ ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތުން ރާއްޖޭގައި އޮންނަން ވީ ހަމައެކަނި ފިނޭންސް މިނިސްޓްރީ އާއި އޭޖީ އޮފީހާ. އެނޫން ތަނެއް އޮންނާނެ ކަމެއް ނެތް. އެއްވެސް މިނިސްޓްރީއެއްގެ ޒިންމާއެއްވެސް އެ ހުކުމުގައި އޮތް ގޮތަކުން ކިޔާލި އިރަކު ނެތް. އެއީ ހަމަޖެހޭ ގޮތެއް ނޫން. އެޔެއް ނޫން ގާނޫނުއަސާސީ އާއި ގާނޫނުތައް ތަސައްވަރުކޮށްފައި އޮތް ގޮތަކީ،" ޕީޖީ ޝަމީމު ވިދާޅުވިއެވެ.