ވޮލީބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބާއްވާ "މައި ހުޅުމާލޭ ވޮލީބޯލް ކޭމްޕު 2021" އިއްޔެ ފަށައިފިއެވެ.
ބޮޑު ތަރުހީބަކާއެކު އިއްޔެ ހުޅުމާލޭގައި ފެށި ވޮލީ ކޭމްޕަކީ އެޗްޑީސީ އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)، މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އަދި ޕޮލިސް ކްލަބް ގުޅިގެން ހިންގާ ކޭމްޕެކެވެ. ކޭމްޕުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށް ވޮލީބޯޅައިގެ ބޭސިކް ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އެ ކުޅިވަރަށް ކުދިންގެ ތެރޭގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމެވެ.
އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ފެށި ކޭމްޕުގައި ފިރިހެން 33 ކުދިންނާއި އަންހެން 19 ކުދިން ވަނީ ބައިވެރިވެފައެވެ.
މި ކޭމްޕް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެޗްޑީސީގެ ކޮމިއުނިޓީ ސްކިލްސް ޑިވެލޮޕްމަންޓް ކޯޑިނޭރުގެ މަގާމު އަދާކުރަމުން އަންނަ ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި ވޮލީބޯލް ވެޓަރަންސްގެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސައްޔިދު އަލީ އެވެ.
މައި ހުޅުމާލެ ކޭމްޕްގައި ކުދިންނަަށް ދަސްކޮށްދޭން ހަރަކާތްތެރިވަމުން އަންނަ ކޯޗުންނަށް ބަލާއިރު، ޕޮލިސް ކްލަބްގެ ތަޖުުރިބާކާރު ކޯޗުން ކަމަށްވާ ފަތުހުﷲ ވަހީދު (ފައްލޯ) އާއި މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ކޯޗު މުހައްމަދު ރިޝްވާން ހިމެނެ އެވެ.
ވީއޭއެމްގެ އާ އެކްސްކޯއާއެކު ވޮލީގެ ހުނަރުވެރި ކުދިން އުފައްދަން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަތޮޅުތެރޭގައިވެސް މިހާރު ހާއްސަ ކޭމްޕުތަކެއް ބާއްވަން ފަށާފައިވާ އިރު، އެސޯސިއޭޝަނުން މަސައްކަތް ކުރަނީ ސްރީ ލަންކާގެ ކޯޗެއްވެސް ގެނެސްގެންނެވެ. ކ. ތުލުސްދޫގައި ވޮލީބޯޅަ ކޭމްޕެއް ނޮވެމްބަރު 11 ވަނަ ދުވަހު ނިންމައިލާފައިވާ އިރު، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ކުރިން ވިދާޅުވެފައިވަނީ އެކި ރަށްރަށުގައި ކޭމްޕަކަށްފަހު ކޭމްޕެއް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރަނޭ ކުރިން "ވަން" ވިދާޅުވީ އެ ކޭމްޕުތަކަށް އިތުރު ކޯޗުން ގެންނަން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު ކޯޗުން ގެނެސް ރިސޯޓުތަކުގެ ކޭމްޕުތައްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.