އަށާރަ އަހަރަށްފަހު ރާއްޖެ ބަލިކޮށް، ބަންގުލަދޭޝްއިން މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ބަންގުލަދޭޝްއާއި ރާއްޖެއަށްވެސް މުބާރާތުގައި މިހާތަނަށް ލިބިފައި އޮތީ ޕޮއިންޓެކެވެ. އެހެންކަމުން މުބާރާތުގެ ފައިނަލަށް މިއަދުގެ މެޗުން ތިން ޕޮއިންޓު ދެޓީމަށްވެސް އޮތީ ގާތްގަނޑަކަށް މަޖުބޫރުވެފައެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކައިރީ އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެއިން 4-0 ގެ ލީޑެއް ގެއްލުވާލި އިރު، މެޗު ނިމިގެން ދިޔައީ މާޔޫސް ކަމާއެކުގައެވެ. އެ މާޔޫސްކަން ހަނދާން ނައްތާލައިލުމަށް މިއަދުގެ މެޗުގެ މުހިންމުކަން މެޗުގެ ކުރިން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯވެސް ވަނީ ފާހަގަކޮށްފައެވެ.

ބަންގުލަދޭޝްއިން ފުރަތަމަ ކުޅުނު މެޗުގައި ސީޝެލްސް ކައިރީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަންގުލަދޭޝް ކޮޅަށް ސީޝެލްސް ގޯލު ޖެހީ ފަހު ވަގުތުގައެވެ. މިއަދުގެ މެޗަށް ބަންގުލަދޭޝް ނުކުތީ ތާރީހީ މޮޅެއް ހޯދުމަށެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް މިހާތަނަށް ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ. އެންމެފަހުން ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރީ މިއަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށްވެސް ކޯޗު މޮރިއޭރޯ ނެރުނީ ރާއްޖެއިން މުބާރާތުގެ ފުރަތަމަ މެޗަށްވެސް ނެރުނު ފުރަތަމަ 11 އެވެ. މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ރާއްޖެއިން ބޯޅަ ކޮންޓްރޯލްކޮށް، ޕާސްތައް ގިނަކޮށް ފެނުނު އިރު، ބަންގުލަދޭޝްއިން ބެލީ މެދުން ދުރު ޕާހެއް ޖަހައިގެން ރާކިބް ހުސައިން ފަދަ ކުޅުންތެރިންގެ ސްޕީޑު ބޭނުން ކުރުމަށެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބަންގުލަދޭޝް ލީޑު ނެގިއެވެ. އަރިމަތިން ރަހުމަތު މިއާގެ ދުރު އެއްލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލަށް ފޮނުވާލީ ބަންގުލަދޭޝް ކެޕްޓަން ޖަމާލް ބުޔާންއެވެ. އެ ހަމަލާ އޮފްސައިޑް ކަމަށް ފުރަތަމަ ދެއްކި ނަމަވެސް، ފަހުން ލައިންސްމަނާ ވާހަކަދެއްކުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ލައިންސްމަން ފުރަތަމަ ދިދަ ނެގީ ބަންގުލަދޭޝް ކުޅުންތެރިއެއް ގައިގައި ޖެހި ބޯޅަ ހުރަސްވި ކަމަށް ބަލައިފައެވެ. އެހެން ނަމަވެސް ފަހުން ލައިންސްމަން ނިންމީ އެ ބޯޅަ ދިޔައީ ކުޅުންތެރިއެއް ގައިގައި ނުޖެހޭ ކަމަށެވެ.

އެ ގޯލު ބަންގުލަދޭޝްއިން ޖެހުމުން ރާއްޖެއިން ކުޅުން ރަނގަޅު ކުރިއެވެ. އެޓޭކަށް ގިނަ ބޯޅަތަކެއް ލި ނަމަވެސް ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިވީ ބަންގުލަދޭޝް ގޯލަށް ބޯޅަ ފޮނުވާލުމަށެވެ. ފުރަތަމަ 30 މިނެޓުގައިވެސް ރާއްޖެއަށް ބަންގުލަދޭޝް ގޯލަށް ނުރައްކާ ކުރެވިފައި ނުވާ އިރު، ނަތީޖާ ހަމަހަމަކުރީ 33 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރު ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ޖައްސާލުމާއެކު، ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރާއްޖެއިން ކުރިއަށް ޖެހި ބޮޑަށް ބެލީ އެޓޭކް ކުރުމަށެވެ. ބަންގުލަދޭޝްއިން ފަހަތުގައި ވަރަށް ބޮޑަށް މަޑުކޮށްލައިގެން ކުޅެފައިވާ އިރު، ރާއްޖެއަށް އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ރާއްޖެއިން އެޓޭކަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިސްމާއީލް އީސަ (މެސީ) ވެސް ދަނޑު މައްޗަށް ނެރެފައިވެއެވެ. ތަފާތު އެޓޭކަކަށް ވިސްނައިގެންވެސް ޓީމުން އެޓޭކެއް އުފައްދަން ކުރި މަސައްކަތް ނާކާމިޔާބުވެ، ބަންގުލަދޭޝަށް ހިތްވަރު ލިބުނެވެ.

އެޓޭކަށް ބުރަކޮށް މަސައްކަތް ކުރި ރާއްޖޭގެ ފަރާތުން މެޗުގެ ފަހު ކޮޅުގައި ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، ބަންގުލަދޭޝްއިން އަލުން ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ޖުވެލް ރަނާއަށް ރާއްޖޭގެ ކީޕަރު ނާޖިހު ކުރި ފައުލަކާ ގުޅިގެންނެވެ. ބަންގުލަދޭޝަށް އެ ކައުންޓާ އެޓޭކަށް ފުރުސަތު ލިބުނީ ރާއްޖޭގެ ކެޕްޓަން އަކޫ އަތުން ބޯޅަ ގެއްލުމާއެކުގައެވެ.

ބަންގުލަދޭޝްއަށް ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެ ބަލިކުރުމުގެ މުހިއްމު ގޯލު ޖަހައިދިނީ ޓޯޕޫ ބާމަންއެވެ. އެ ގޯލާއެކު ބަންގުލަދޭޝްއިން ވަނީ ފައިނަލުގެ އުންމީދު ބޮޑުކޮށްފައެވެ.

ރާއްޖެއިން ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އަންގާރު ދުވަހު ހަވީރު 3:30 ގައެވެ. ރާއްޖެއަށް ފައިނަލަށް އޮތް ފުރުސަތު އެނގޭނީ މިރޭ ސީޝެލްސްއާއި ލަންކާ ކުޅޭ މެޗަށްފަހުއެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ އަމިއްލަ ބާރު ހަނިވެފައެވެ.