ކުޅިވަރު

ޒަވީގެ އެދުމަށް އުމުރުން 38 އަލްވޭސް އެނބުރި ބާސާއަށް

ބާސެލޯނާއަށް ކުޅެ، އެތައް ކާމިޔާބީތަކެއް ހޯދި ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް އަނެއްކާވެސް އެ ކްލަބާ ގުޅިއްޖެއެވެ.

އުމުރުން 38 އަހަރުގެ އަލްވޭސް އަކީ ކްލަބުގެ ކޯޗުކަމާ ހަވާލުވެ، ޒަވީ ހެނާންޑޭޒް ކުރި ފުރަތަމަ ޓްރާންސްފާއެވެ. މިވަގުތު އަލްވޭސް ފްރީ އެޖެންޓެއްގެ ގޮތުގައި ހުރުމުން ޒަވީއަށް އަލްވޭސް ގެންދަން ފުރުސަތު ފަހިވެފައިވާ އިރު، އަލްވޭސް އަށް އަދި ކުޅެވޭނީ ޖެނުއަރީ މަހުގައެވެ. އެހެން ނަމަވެސް އޭނާ އަންނަ ހަފުތާއިން ފެށިގެން ބާސާގެ ތަމްރީނުތަކުގައި ބައިވެރިވާނެއެވެ.

އަލްވޭސް އަކީ ބާސާއަށް ޒަވީއާއެކު ކުޅުނު ކުޅުންތެރިއެއްވެސް މެއެވެ. ބާސާގެ ރަން ޓީމުގައި މުހިއްމުކޮށް ފާހަގަކޮށްލެވުނު އަލްވޭސް ވަނީ ކްލަބުގައި 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ހަ ފަހަރަށް ސްޕެނިޝް ލީގު، ތިން ފަހަރަށް ޗެމްޕިއަންސް ލީގު، އަދި ހަތަރު ފަހަރަށް ކޮޕާ ޑެލްރޭ ބާސާއާއެކު ކާމިޔާބު ކޮށްފައެވެ. ޖުމުލަ 23 ތަށްޓެއް އަލްވޭސް ވަނީ ބާސާއާއެކު ހޯދާފައެވެ.

އޭގެ ފަހުން އިޓަލީ ލީގުގެ ޔުވެންޓަސް އަށް ގޮސް އެގައުމާއެކު ލީގު ނެގުމުގެ އިތުރުން ފްރާންސްގެ ޕިއޭއެސްޖީއަށް ގޮސް، ފްރާންސް ލީގުވެސް އަލްވޭސް ކާމިޔާބުކުރިއެވެ.

އަލްވޭސް ކްލަބާ ގުޅުނުކަން އިއުލާނު ކުރަމުން ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބާސާ ތާރީހު ދުށް އެންމެ މޮޅު ރައިޓް ބެކް ކްލަބާ އަލުން ގުޅުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

އަލްވޭސް އެންމެފަހުން ކުޅުނު ކްލަބަކީ ބްރެޒިލްގެ ސައު ޕާލޯ އެވެ. އެ ކްލަބާއެކު އަލްވޭސް ހަދާފައިވާ އެއްބަސްވުން އުވާލީ ސެޕްޓެންބަރު މަހުގައެވެ. އެއްބަސްވުން އުވާލާފައި ވަނީ މުސާރައިގެ މައްސަލައިގައެވެ.