ޚަބަރު

ކޮވިޑުގައި އައްޑޫން އިތުރު މަރެއް، ރާއްޖޭގެ ޖުމުލަ 247 އަށް

ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 247 އަށް އަރައިފިއެވެ.

އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 81 އަހަރުގެ އަންހެނަކު މިއަދު ރޭ ދަންވަރު 1:33 ގައި މަރުވެފައިވާ ކަމަށެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑު ބަލީީގައި މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ. މިއީ އައްޑޫ ސިޓީން މަރުވި 11 ވަނަ މީހާއެވެ. މިދިޔަ މަހު އެކަނިވެސް ކޮވިޑް ޖެހިގެން އެ ސިޓީން ވަނީ ފަސް މީހަކު މަރުވެފައެވެ. އަދި މިއީ މިމަހު އެ ސިޓީން މަރުވި ތިން ވަނަ މީހާއެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 247 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 230 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.