ރިޕޯޓް

ރާއްޖޭގެ އެންމެ ހަގު ކޮވިޑު މަރު: އުމުރުން ދެމަހުގެ ޔައިލް ވަކިވެދިޔައީ އަރާމު ނިންޖަކުން ނިދިގޮތަށް

ރިފާ ހަލީލު

އެންމެނަށްވެސް ހާއްސަ އެވެ. ދުނިޔެއަށް އުފަންވީ އިރުއްސުރެންވެސް ހާއްސަ އެވެ. ދެމަސްވަންދެން ގެންގުޅުނީ ކުޑަ ވަގުތަކަށްވެސް ލޯ ކުރިމަތިން ގެއްލުވައި ނުލަ އެވެ. ދެލޮލުގެ ނޫރު ފަދައިންނެވެ. ހިތުގެ ވިންދު ފަދައިންނެވެ. މަންމަ އާއި ބައްޕަގެ ފުރާނަ އެވެ.

މިއީ ހދ. މަކުނުދުއަށް އުފަން މުހައްމަދު ޔާސިރާއި ނ. މަނަދު އަށް އުފަން ހަނާ އިބްރާހިމްގެ އަލަތު ދަރިފުޅެވެ. މިއީ ކޮވިޑު ބަލީގައި މިއަދު މަރުވި ތުއްތު ތުއްތު ޔޫސުލް ޔައިލް ޔާސިރުގެ ވާހަކަ އެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި އެންމެ ހަނގު ކުއްޖާ އެވެ. ޔައިލްގެ އުމުރަކީ އެންމެ ދެ މަހެވެ.

އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް ހިތްވަރުގަދަ ކުއްޖެކެވެ. ކިތަންމެ ގަދަ ވޭނަކަށްވެސް ކެތްކުރި އެވެ. އުފަންވީއްސުރެން ގާތުން ދެމުން އައީ ނޭފަތަށް ގުޅާފައި އޮންނަ ހޮޅީގެ އެހީގައެވެ.

"އެ ހަމަ އުފަންވީއްސުރެންވެސް ހޮޅިން ބުއްވެސް ދޭން ޖެހެނީ. އެއީ އުފަންވީ އިރު ތުއްތު ޔައިލްގެ ތައްޔެއް ނެތް. ދެ ކަންފަތްވެސް އުފެދިފައެއް ނުހުރޭ. އެކަމަކު ދުވަސްފުރާ ވިހެއީވެސް. ބަލިވި ދުވަހުވެސް ޔައިލްގެ ފަރާތުން މާ ބޮޑު އާދަޔާ ހިލާފު ކަމެއް ނުފެނޭ. ބުއް ދޭން ނޭފަތަށް ލައްވާފަ އޮތް ހޮޅިން ލޭ އަންނާތީ ހޮޅި ބަދަލު ކުރަން މަނަދޫ ހޮސްޕިޓަލަށް ގެންދިޔައީ. ދެން އެމީހުން ޓެސްޓު ތަކެއް ހަދާފަ ބުނީ ނިއުމޯނިޔާ ޖެހިފަ ހުރި ހެންނޭ ހީވަނީ. ދެން އެ މީހުން ކޮވިޑަށް ޓެސްޓުވެސް ކުރި. އެކަމަކު އޭގެ ނަތީޖާއެއް ނުލިބޭ. ދެން ފޮނުވާލީ އިތުރު ފަރުވާއަށް ރ. އުނގޫފާރަށް." ޔައިލް ބަލިވި ގޮތް "ވަން" އާ ހިއްސާ ކުރަމުން މަރުވި ޔައިލްގެ މާމަ ގަމަރުއްނިސާ ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލުން ޔައިލް އަށް ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން ކުއްޖާ މާލެ ފޮނުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މާލެ ގެނެސް އިތުރަށް ޓެސްޓު ހެދުމުން އެނގުނު ގޮތުގައި ޔައިލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ފަހުން ޔައިލްގެ މަންމަ އާއި ބައްޕަވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް ޕޮޒިޓިވް ވީ ކިހިނެއް ކަމެއް ނޭނގެ އެވެ.

"ކޮވިޑަށް ޕޮޒިޓިވް ވީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން. އެކަމަކު އޭގެ ފަހުން އެމީހުން އެ ކުއްޖާ ފޮނުވާލީ ފެސިލިޓީއަށް. އެހާ ބަލި ކުއްޖަކު އިތުރަށް ބަލިވެދާނެ ކަމެއް އެއީ. އެތަނަށް ގެންދިޔައިމަ އެތަނުގައި ތިބި ނަރުހުން ބުނި މިހާ ބަލި ކުއްޖަކު މިތަނަށް ފޮނުވާލީ ކީއްވެހޯ. އެކޮޅުން (އައިޖީއެމްއެޗް)އިން ނާންގައޭ މި ކުއްޖާ އަކީ މިހާ ބަލި ކުއްޖެއްކަން." ކުއްޖާ ފެސިލިޓި އަށް ބަދަލު ކުރުމުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުން ގަމަރުއްނިސާ ބުންޏެވެ.

ކުއްޖާ އަށް ފަރުވާދެމުން އައިތާ 10 ވަރަކަށް ދުވަސް ވެދާނެ ކަމަށާއި ކުއްޖާ ފެސިލިޓީއަށް ބަދަލު ކުރީ ކުއްޖާގެ މަންމަ އާއި ބައްޕަ އާއި ދެމީހުން އެކީގައި ކަމަށްވެސް އޭނާ ބުންޏެވެ. ކޮންމެ ދުވަހަކު ކުއްޖާގެ ހާލަތާމެދު ސުވާލު ކުރުމުން، "ކުއްޖާގެ ހާލު ރަނގަޅު" ކަމަށް ކުއްޖާގެ މަންމަ ބުނާ ކަމަށްވެސް ބުންޏެވެ.

"މިއަދު ހެނދުނު 10:00 ހާއިރު އަޅުގަނޑު ގުޅީ ކުއްޖާގެ މަންމަ އަށް. ގުޅީމަ ބުނީ ކުއްޖާގެ ހާލު ރަނގަޅޭ. ބުއްދިނީމަ ނިދިފައޭ އޮތީ. ތިމަންނަމެން މިދަނީ ސައިބޯށޭ. އޭގެ ފަހުން ގާތްގަނޑަކަށް 11:30ހެން ހީވަނީ. އަޅުގަނޑު ގުޅީމަ ކުއްޖާގެ މަންމަ ރޯ އަޑު އިވޭ. އޭނަޔަށް ވާހަކަ ނުދެއްކިގެން އެތާ ހުރި އެހެން މީހަކު ފޯނު ނަގައިގެން ބުނީ ކުއްޖާ ނޭވާ ނުލާތީ ނަރުހުންނާއި ޑޮކްޓަރުން ކުއްޖާ ގެންގޮސްފިއޭ. ދެން އެފަހުން ބުނީ މަރުވެއްޖެ ކަމަށް." ޔައިލްގެ މާމަ ކިޔައިދިނެވެ.

ގަމަރުއްނިސާ ބުނީ އެއީ ލިބުނު ފަސް ވަނަ މާމަ ދަރިފުޅު ނަމަވެސް އެއީ އެންމެ ހާއްސަ ދަރިފުޅުކަމަށެވެ. ދަރިފުޅު ވަކިވެގެން ދިޔުން ވެގެންދިޔައީ ގަބޫލު ކުރަން ދަތި އަދި ހަށިގަނޑުން ބައެއް މަދުވި ކަހަލަ ކަމަކަށް ކަމަށެވެ.

ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު ވަކިވެގެން ދިޔުމަކީ ހަނާ އާއި ޔާސިރަށް ފަސޭހަ ކަމަކަށް ނުވި އެވެ. ހަނާ އިތުރު ކައިވެންޏަކަށް ފަސް އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވީނަމަވެސް މިއީ ޔާސިރުގެ އަލަތު ދަރިފުޅެވެ. ދެމަފިރިންގެ ލޯ މަތީން އެ ދަރިފުޅު ތާ އަބަދަށް ވަކިވެގެންދިޔައީ އަރާމު ނިންޖަކުން ނިދި ގޮތަށެވެ.

ޔައިލް މަރުވީ ކޮވިޑަށް ޕޮޒިޓިވް ވެގެން، ފެސިލިޓީގައި ފަރުވާ ދެމުން އަންނަތާ އެތައް ދުވަހެން ވީ ފަހުން އެ ފެސިލިޓީގައި ކަމަށްވީ ނަމަވެސް، މިއީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.