މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ނަގަން ޖެހޭ ފިލާވަޅަކީ 90 މިނެޓުގެ ކުރިން މެޗު ނިންމައިނުލެވޭކަން ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 4-4 ގެ ނަތީޖާއަކު އެއްވަރުވެގެންނެވެ. މެޗުގައި ރާއްޖެއިން ފުރަތަމަ ހަތަރު ގޯލުގެ ލީޑެއް ނެގި ނަމަވެސް ރާއްޖެއިން ވަނީ އެ ލީޑު ގެއްލުވާލައިފައެވެ. ލަންކާގެ ހަތަރު ގޯލުވެސް ޖެހީ ވަސީމް ރަޒީކެވެ. ލަންކާއިން ގޯލުތައް ޖަހަން ފެށީވެސް މެޗުގެ 64 ވަނަ މިނެޓުގައެވެ.

ރާއްޖެއިން މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހާފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލަކާއެކު 4-0 އަށް ނަތީޖާ ބަދަލުކޮށްލިއެވެ. އެ ލީޑު ގެއްލިގެން ދިޔައީ ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. އޭނާގެ ހަތަރުވަނަ ގޯލު ޖެހީ ފަހުވަގުތު ލިބުނު ކޯނަރެއްގައެވެ.

"މި ނަތީޖާއަށް އެއްޗެއް ބުނަންވެސް އުނދަގޫ. 60 މިނެޓު ވަންދެން ރަނގަޅު ފުޓުބޯޅައެއް ކުޅެވުނު. މި މެޗުން ލިބޭނެ ފިލާވަޅަކީ މެޗުތަކުގެ ދިގުމިނަކީ 90 މިނެޓުކަން. މެޗު ނުނިމޭނެކަން ރެފްރީ ނިންމާނުލަހީހެއް. ޓީމަށް އެއްވެސް އެއްޗެއް ބުނާކަށް ނެތިން. 60 މިނެޓު ތެރޭގައި ބުރަކޮށް މަސައްކަތްކޮށް ކުޅުނު،" މެޗަށްފަހު ކޯޗު މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ފިޒިކަލީ މައްސަލަތަކެއްގެ އިތުރުން އެހެން މައްސަލަތަކެއް ދިމާވި ނަމަވެސް އެއީ ބަހަނާއަކަށް ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށެވެ.

"ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ދެން އޮތީ ދެން އޮތް މެޗަށް ރަނގަޅުކުރުން. ފިޒިކަލް ކޮންޑިޝަން މުހިންމު ވާނެ. އެއީ މެންޓަލީ ކުޅުންތެރިން ރަނގަޅުވާނެ އެއްޗަކީ. ފިޒިކަލް އެންމެ ރަނގަޅެކޭ ނުބުނެވޭނެ. މިއީ އެކްސްކިއުސް އެއް ނޫން. 6-0 އިން މޮޅުވި ނަމަވެސް ހަމަ ބުނަން އޮތީ މި ވާހަކަ. އެންމެ ދިހަ ދުވަސް ތެރޭ ރަނގަޅަށް ރިކަވާވެ، ރަނގަޅަށް ޓީމު ނުހޭނޭނެ. ކުރިންވެސް ބުނިން އަހަންނަކީ ޖާދޫގަރެއް ނޫނޭ. އެކަމަކު މިދިޔަ 60 މިނެޓުގައި ފެނުނީ ތަމްރީނުތަކުގެ ނަތީޖާ. އެހެންވީމަ ކުރިއަރަން ފުރުސަތު އެބައޮތް،" ކުރިން އިންޓަ މިލާނަށް ކުޅުނު މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. މާ ގިނަ ވަގުތެއް ނުލިބި ލަންކާ މުބާރާތަށް ޓީމާއެކު މޮރިއޭރޯ ގޮސްފައިވާ އިރު، އޭނާ ބުނީ ލަންކާ ކައިރިން ލިބުނު ޕޮއިންޓަކީ ބައްޔެއްގެ ގޮތުގައި ސިފަ ނުކުރާނެ ކަމަށެވެ.

"ފުޓުބޯޅައަކީ މިއީ، އިދިކޮޅު ޓީމުގެ ހިތްވަރު ފެނުނު. ފުރުސަތު ލިބިވެސް މެޗުން ތިން ޕޮއިންޓު ނުލިބި މިދިޔައީ. ރާއްޖެއިން ފަސޭހަކޮށްލި ކަމަށް ނުދެކެން. އުންމީދު ކަނޑާލައިގެން ނޫން ދިޔައީ. ކުޅުންތެރިންގެ ހިތްވަރަށް އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް. އަހަރެން މިއީ އަވަސް، އިންޓެންސިޓީ ރަނގަޅު ފުޓުބޯޅައެއް ކުޅުވަން ބޭނުންވާ ކޯޗެއް. ވެދާނެ މާ ބޮޑަށް އެޓޭކިންނަށް ގޮސް ލަންކާއަށް ސަމާލު ނުވެވުނީ ކަމަށް. އެކަމަކު މިއީ ބައްޔެއް ނޫން. މިއީ ޕޮއިންޓެއް. ބައްޔެއް ކަމަށް ބުނިޔަސް، މިއީ ބައްޔެއް ނޫން،" މޮރިއޭރޯ ބުންޏެވެ.

ކޯޗު މޮރިއޭރޯ ބުނީ ރާއްޖޭގެ ގައުމީ ޓީމު ކޮންމެތަނެއްގައި ކުޅުނު ނަމަވެސް ޓީމަށް ރައްޔިތުން ދޭ ލޯބި ބަލައިގަންނަ ކަމަށާއި، އެ ސަޕޯޓަރުންނަށް ބުނަން އޮތީ ޓީމަށް ހެދުނު ގޯސްތައް ރަނގަޅުކޮށް، ކުރިއަރުންތައް ހޯދަން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ކަމަށެވެ.

ރާއްޖެއިން ފޯ ނޭޝަންސް ކަޕުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 15:30 ގައެވެ.