ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސްރީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫތަކަށް ފުޅާ ދާއިރާއެއްގައި ދެ ރައީސުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި ކަމަށްވެސް ބުންޏެވެ.
ރައީސް ސޯލިހު މިއަދު ވަނީ، އެމަނިކުފާނުގެ ޝަރަފުގައި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތެއްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނީ، އެ ޖާފަތުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާއާއި ރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އަދި ޖާފަތުގެ ކުރިން ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހިޔާލު ބަދަލުކުރެއްވި ކަމަށް ބުންޏެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން ލަންކާއަށް ކުރައްވަވަމުން ގެންދަވަ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު