މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން މިރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗު، މާދަމާ ހަވީރަށް ޝެޑިއުލްކޮށް، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވެސް އެ މެޗު ކުރިއަށް ޝެޑިއުލްކޮށްފިއެވެ.
ފޯ ނޭޝަންސް ކަޕު މިއަދު ފަށަން އޮތް ނަމަވެސް، މިއަދު ކުޅެން އޮތް ދެ މެޗު، ލައްކާއަށް މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކުރިއެވެ. ކުރިން އޮތް ގޮތުން ރާއްޖެ މެޗު އޮތީ މާދަމާ ރޭ ކުޅޭ ގޮތަށް ނަމަވެސް، މިހާރު ވަނީ އެ މެޗު ހަވީރަށް ބަދަލުކޮށްފައެވެ. ލަންކާ އެފްއޭއިން ދެންމެ އިއުލާން ކުރި ގޮތުގައި ރާއްޖެއާއި ލަންކާ ކުޅެން އޮތް މެޗު މާދަމާ ހަވީރަށް ބަދަލުކޮށް، މާދަމާ ރެއަށް ބަދަލުކުރީ ބަންގުލަދޭޝްއާއި ސީޝެލްސް ވާދަކުރާ މެޗެވެ.
މާދަމާ ހަވީރު އޮންނަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތަށް ރައީސް ވަނީ މިއަދު ލަންކާއަށް ވަޑައިގެންފައެވެ. ލަންކާއަށް ރައީސް ވަޑައިގަތުން އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގައުމީ ޓީމުގެ ކޯޗުވެސް ވަނީ ރައީސަށް މަރުހަބާ ދަންނަވައިފައެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ލަންކާ އެފްއޭއިން ރާވާފައިވާ އިރު، ރަސްމިއްޔާތުގައި ލަންކާގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ ބަތިޔާއާއި ސަންތޫޝްގެ އިތުރުން އުމައިރާ އަދި ރަންދީރާއި ޓީމުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅެން ރާވާފައިވާ ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު ކުރިން ބާއްވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ޝެޑިއުލް ކޮށްފައިވަނީ ލަންކާ ގަޑިން މާދަމާ މެންދުރުފަހު 3:00 އަށެވެ. އެއީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 2:30 އެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް