މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން މިރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ވިއްސާރަވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

މުބާރާތުގައި މިރޭ ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން ހުޅުވުމުގެ ރަސްމިއްޔާތުވެސް މިހާރު ވަނީ މާދަމާ ރެއަށް ފަސްކޮށްފައެވެ. ރާއްޖެ މެޗު މާދަމާ ރެއަށް ފަސްކޮށްފައިވާ އިރު، މިއަދު ހަވީރު ބަންގުލަދޭޝްއާއި ސީޝެލްސް ކުޅެން އޮތް މެޗުވެސް މިހާރު ވަނީ މާދަމާ ހަވީރަށް ފަސްކޮށްފައެވެ. އެ މެޗު މިއަދު ހެނދުނު ފަސްކޮށްފިއެވެ.

މިރޭ ބާއްވަން ކުރިން ރާވާފައި އޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތަށް ރައީސް ވަނީ މިއަދު ލަންކާއަށް ވަޑައިގެންފައެވެ. ލަންކާއަށް ރައީސް ވަޑައިގަތުން އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގައުމީ ޓީމުގެ ކޯޗުވެސް ވަނީ ރައީސަށް މަރުހަބާ ދަންނަވައިފައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ލަންކާ އެފްއޭއިން ރާވާފައިވާ އިރު، ރަސްމިއްޔާތުގައި ލަންކާގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ ބަތިޔާއާއި ސަންތޫޝްގެ އިތުރުން އުމައިރާ އަދި ރަންދީރާއި ޓީމުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅެން ރާވާފައިވާ ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު މިހާރު ޝެޑިއުލް ކޮށްފައި ވަނީ ލަންކާ ގަޑިން މާދަމާ ރޭ 9:00 އަށެވެ. އެއީ ރާއްޖެ ގަޑިން މާދަމާ ރޭ 8:30 އެވެ.