ރާއްޖޭގައި މިފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ތަށި ނުލިބުމުގެ ހިތްދަތި ހަނދާންތައް ނައްތާލައި ލަންކާ މުބާރާތުގެ ތަށި ގެންދަން ހުރިހާ ކުޅުންތެރިންވެސް އަޒުމުގައި ތިބި ކަމަށް ގައުމީ ޓީމުގެ ފޯވަޑް، އަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ.

ސްރީ ލަންކާގައި ބާއްވާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ، އިންވިޓޭޝަނަލް ފޯ ނޭޝަންސް ކަޕު މިރޭ ފަށާނީ ރާއްޖެއާއި ލަންކާ ވާދަކުރާ މެޗުންނެވެ. މުބާރާތުގައި ވާދަކުރާނީ ރާއްޖެއާއި ލަންކާގެ އިތުރުން ބަންގުލަދޭޝްއާއި ސީޝެލްސްއެވެ. މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސެންޓޭ ބުނީ ސާފް ޗެމްޕިއަންޝިޕުން ސަޕޯޓަރުން އެދުނު ކާމިޔާބީ ހޯދައި ނުދެވުމަކީ ލިބުނު ހިތްދަތިވި ކަމެއް ކަމަށާއި މިހާރު ޓީމު އޮތީ އެ ދެރަ ހަނދާން ނައްތާލައި، މިފަހަރުގެ ތަށި ހޯދަން ތައްޔާރަށް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕުގެ ނަތީޖާ ނުކުތް ގޮތުން ދެރަވި. އަލުން މިހާރު މަސައްކަތް މި ފެށީ އާ ކޯޗަކާއެކު. ވަރަށް ބޮޑަށް މަސައްކަތްކޮށް މުބާރާތް ކާމިޔާބު ކުރުމަށް ހުރިހާ ކުޅުންތެރިން ތިބީ. ﷲ އިރާދަކުރެއްވިއްޔާ ތަށި ގެންދަން ހުރިހާ ކުޅުންތެރިންވެސް ވިސްނުން ހުރީ،" ސެންޓޭ ބުންޏެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން މިހާތަނަށް ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ސެންޓޭ ބުނީ ލަންކާއާ ދެކޮޅަށް ކުޅެން މިހާރު ފަސޭހަ ނުވާނެ ކަމަށާއި ލަންކާއަކީ ކުރިއަރުމުން އަންނަ ޓީމެއް ކަމަށެވެ.

"ކުރިއަށްވުރެ ލަންކާ މިހާރު ތަފާތު. ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ޓީމަކީ ކުރިއާ އަޅާބަލައި އިރު، ވަރުގަދަ ޓީމެއް. އެހެންވީމަ މި މުބާރާތުގައިވެސް ލަންކާ ވަރުގަދަކޮށް ފެންނާނެ ކަމަށް ބެލެވެނީ. ލަންކާ އިތުރަށް ކުރިއަރާނެ ކަމަށް ފެންނަނީ. އެއީ މި ރީޖަނުގެ ފުޓުބޯޅައަށްވެސް މުހިއްމު ކަމެއް،" ސެންޓޭ ބުންޏެވެ.

ގައުމީ ޓީމުން މިފަހަރުގެ މުބާރާތަށް ނުކުންނާނީ އިޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުންނެވެ. މި މުބާރާތަކީ މޮރިއޭރޯއަށް ފުރަތަމަ މުބާރާތެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކަން މޮރިއޭރޯއަށް އުނދަގޫތަކަކާ ކުރިމަތިވާ އިރު، ސެންޓޭ ބުނެފައި ވަނީ ކޯޗަށް ރާއްޖޭ ބަސް ނޫނީ އިނގިރޭސި ނޭނގުމަކީ އުނދަގޫވާ ކަމެއް ނޫން ކަމަށެވެ.

"ބަހެއް ނޫން މުހިއްމީ. ފިލްޑުގައި ކޯޗު ކިޔައިދޭ އެއްޗެހި ވަރަށް ފަސޭހަ. މޫވްތައް މި ހުންނަނީ އެއް ގޮތަކަށް އާންމުކޮށް. ތަރުޖަމާނެއް އެބަހުރި ވަރަށް ރަނގަޅަށް މިހާތަނަށް މަސައްކަތް ކުރަމުން އަންނަ. އެކަމަކުވެސް ކޯޗު ކިޔައިދޭ އެއްޗެހި ނަގައި ގަނެވޭ. އެއީ ދަނޑުމަތީގައި ރަނގަޅަށް ދައްކައިގެން ކޯޗު ކިޔައިދެނީ އަބަދުވެސް. ދަނޑުމަތީގައި ކިޔައިދޭ އެއްޗެއް އެނގޭނެ. ފުޓުބޯޅައަކީ އެއް ބަހެއް މުޅި ދުނިޔޭގައިވެސް. ކޯޗު ކިޔައިދޭ އެއްޗެއް އެނގޭ ސާފުކޮށް،" ސެންޓޭ ބުންޏެވެ.

ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލް ކޮށްފައި އޮތީ ލަންކާ ގަޑިން މިރޭ 8:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 ގައެވެ. މިރޭގެ މެޗުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެއެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސްގެ އިތުރުން އެ ރަސްމިއްޔާތުގައި ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ އަދި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.