ޚަބަރު

ކޯޓަށް ހާޒިރުނުވުމުން އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

މުހައްމަދު އިޝާން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމަށް އޭނާ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުނުވުމުން އަޑުއެހުން ކެންސަލްކޮށްފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަކަށެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ ބޭސް ފަރުވާކުރަން ކަމަށް ބުނެ އިގިރޭސި ވިލާތުގައެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

އަދި އޭނާ ރާއްޖެ ގެނައުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ އަމުރާ ގުޅިގެން ކަރެކްޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން އޭރު ބުނެފައި ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަހުން ފުލުހުން އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ނުދެއެވެ.

އަލީ ވަހީދު ބޭސް ފަރުވާކުރަން ކަމަށް ބުނެ އިގިރޭސި ވިލާތަށް ފުރާވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެފަހުން އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ދައުލަތުން ތުހުމަތު ކުރަނީ އޭނާއަކީ ޝަރީއަތަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ.

އަލީ ވަހީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.