ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު ސްރީ ލަންކާއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ، އެ ގައުމުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރާއްޖެއާއި ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފަށާ މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅޭ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް ސޯލިހު ސްރީ ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.