ޚަބަރު

100 ކިލޯގެ ޑުރަގް މައްސަލަ: ދެ މީހެއްގެ ބަންދު އިތުރުކޮށްފި

މުހައްމަދު އިޝާން

ކަނޑުމަގުން ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)އެވެ. މިއީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްދިން ތިން ވަނަ ފަހަރެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރު 1:00 ޖެހިއިރުއެވެ.

ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިން ކޯޓު އަމުރުގައި ބުނެފައިވަނީ 100 ކިލޯގެ ޑްރަގް ހޯދުމަށް ޖުމާން އާއި މުހައްމަދު އަހުމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް، ގޯނިތަކެއް ސަފާރީ އަށް އަރުވާފައި ކަމަށެވެ. ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

ޖުމާން އާއި މުހައްމަދު އަހުމަދުގެ އިތުރުން މިހާރު އެ މައްސަލައިގެ ބަންދުގައި ތިބީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ޑީއެމް މޮބިން (24އ)އެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެ އާއި މާލެ އަދި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައި ވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓް (ޑީއީޑީ) ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ފޮރެންސިކުން ވެސް ވަނީ އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފައެވެ. ދޫކޮށްލި ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ ޑުރަގް އެތެރެކުރުމުގެ ބޮޑުން ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންނެވެ. އެ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފައެވެ.