ލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗަށް ދިވެހީންނަށް ޓިކެޓު ވިއްކަން ހަމަޖައްސާފައިވާ އަގު ސްރީ ލަންކާ ފުޓުބޯޅަ ފެޑަރޭޝަނުން ކުޑަކޮށްދީފިއެވެ.
ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ އެދިލެއްވުމެއްގެ މަތިން ޓިކެޓް އަގުހެޔޮ ކުރުމަށް ލަންކާ ފުޓުބޯޅަ އިދާރާގެ ރައީސް ޖަސްވަރު އުމަރުގެ އަރިހުން އެދިވަޑައިގަތުމުން، އެކަން ކޮށްދޭން އެ އިދާރާއިން އެއްބަސްވެފައިވާ ކަމަށެވެ.
ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ވީއައިޕީ ޕެވިލިއަންއަކުން ޓިކެޓު ވިއްކާ ގޮތަށް ކުރިން އޮތް އަގަކީ 5000 ލަންކާ ރުޕީސްއެވެ. މަހުލޫފުގެ ޓުވީޓުގައި ފާހަގަކުރައްވާފައި ވަނީ އެހެން ޕެވިލިއަންއަކުން ދިވެހީންނަށް މިހާރު 3000 ލަންކާ ރުޕީސްއަށް ޓިކެޓު ވިއްކަން އެގައުމުގެ އެފްއޭއިން ނިންމާފައިވާ ކަމަށެވެ.
އެ އަގުގައި ޓިކެޓު ވިއްކުމުން ދިވެހީންނަށް ޓިކެޓު ގަންނަން ލިބެނީ ގާތް ގަނޑަކަށް 230 ރުފިޔާއަށެވެ. ކުރިން ހުރި އަގަކީ ޓިކެޓެއް 385 ރުފިޔާ އަށެވެ. ލަންކާއާ ދެކޮޅަށް ރާއްޖެ މާދަމާ ރޭ ކުޅޭ މެޗަށް ދިވެހީންނަށް ވިއްކާނީ މުބާރާތް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ އަވޭ ސަޕޯޓަރުންނަށް ހާއްސަ ޕެވިލިއަން އެއްގެ ޓިކެޓެވެ. އެއީ ރަސްމީކޮށް ކިހާ ޓިކެޓެއް ކަމެއް ލަންކާ އެފްއޭއިން ހާމަ ކޮށްފައި ނުވެއެވެ.
ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޓިކެޓު ވިއްކަން މިއަދު ފަށާ އިރު، ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ޓިކެޓު ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން 14:00 އަށް ކަމަށް އިއުލާނުގައިވެއެވެ.
ފޯ ނޭޝަންސް ކަޕަށް ސަޕޯޓަރުން ނުވައްދާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް ސަރުކާރުގެ މަޝްވަރާތަކަށްފަހު ނިންމާފައި ވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދާ ގޮތަށެވެ. ރޭސްކޯސް ޓޭޑިއަމްއަކީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާ އިރު، ވިއްކާނެ ކަމަށް ބެލެވެނީ 20،000 ޓިކެޓެވެ. އޭގެ ތެރެއިން ހޯސްޓް ގައުމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އާންމު އުސޫލުންނަމަ ވިއްކާނީ ޖާގައިގެ 5-10 ޕަސެންޓް ޓިކެޓެވެ.
ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައި ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށެވެ. އެގޮތުން ލަންކާގެ ސަޕޯޓަރުންނަށް 200 ރުޕީސްއަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެއެވެ. ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ލަންކާ ގަޑިން 20:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 19:30 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު