ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުންނާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި ކުޅުދުއްފުށި ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި، ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގަނެގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމުގައި މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅިލާމެހިގެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމުގައިވީ ނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ދުނިޔަވީ ފަލްސަފާތަކަށް ވިސްނާލާއިރު އިލްމުވެރިން މާނަ ކުރައްވަނީ އެންމެ ހެޔޮ މުޖުތަމައަކީ އެ މުޖުތަމައުގެ އަހުލުވެރިންނަކީ ﷲ ތައާލާގެ ދީނަށް ހުރުމަތްތެރިކޮށް ހިތައި ސުލްހަވެރިކަމާއި ސަލާމަތާއި އެކުވެރިކަމާއި ބަދަހިކަމާއެކު މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމާއި ގަދަރުކޮށް، އަޅައިލުމާއި އޯގާވެރިކަން އިސްކޮށް ބޮޑެތި އަދި ކުދި ކުށްތަކުން ސަލާމަތްވެފައިވާ މުޖުތަމައުކަމުގައި. އެފަދަ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމާއި މަސްއޫލިއްޔަތެއް. އަދި އެކަމުގެ ގާނޫނީ ޒިންމާ ފުލުހުންގެ ބޮލުގައި އެޅިފައި އޮތްނަމަވެސް އެކަން ފުރިހަމަވެގެންދަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެން ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅު އަޅަން ތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމަށާއި އަދި އަވައްޓެރި ފުލުހުންގެ ހިދުމަތް ކުޅުދުއްފުށި ސިޓީގައި ފެށިގެން މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނީ ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރެވިގެން ކަމަށެވެ. މި މަސައްކަތް ކުރެވިގެންދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމުތައް ރާވާނެ ކަމަށާއި އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރު ހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށް ފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ދާދިފަހުން އައްޑޫ ސިޓީގައްޔާއި މާލޭގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތް ދޭން ފަށާފައިވާ އިރު، އިތުރު ރަށްތަކުގައިވެސް މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.