ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު "ފޯކައިދޫކޮއެ އާރޮ" އާ ގުޅިފައިވާ ފޯކައިދޫކޮއި ގެ ވާހަކަ

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ޤައުމަށް ނުވަތަ ރަށަށް ބަޔަކު ކޮށްދީފައިވާ ޚިދުމަތްތަކަކީ ކޮންމެ މީހަކު ކުރިނަމަވެސް އެ ކަންތައްތަކުގެ މަތިން ހަނދާން އާ ކުރަން ޖެހޭ ކަންތައްތަކެވެ. އަދި އެ ޚިދުމަތުގެ ވާހަކަ ދައްކައި ފަހުގެ ޖީލުތަކަށް ގެނެސްދިނުމަކީ ވެސް ކުރާން ޖެހޭނެ ކަމެކެވެ.

ފުވައްމުލަކަކީ ރަށް އުފެދިފައި އޮންނަ ގޮތުން މެދަށް އަޑިކޮށް މެދުގައި ޗަސްބިން އޮންނަ ރަށެކެވެ. މިހެންވުމުގެ ސަބަބުން އިހު ޒަމާނުގައި ވެސް ބޯކޮށް ވާރޭ ވެހި ރަށުގައި ފެން ބޮޑުވުމުގެ ޙާދިސާތައް ހިނގާފައި ވެއެވެ. ފަހުގެ ތާރީޚުގައި ސަރުކާރުގެ ފަރާތުން ރަށުގެ އެކި ހިސާބުތަކުގައި ފެން ބޭރުކުރުމަށް އާރުތައް ހެއްދެވުމުގެ ކުރިން ފެން ބޮޑު ވުމުން އެ ފެންގަނޑު މޫދަށް ބޭރުކުރަނީ ޗަސްބިމުން ފެށިގެން މޫދާ ހަމަޔަށް އޮންނަ "ފޯކައިދޫކޮއެ އާރޮ" ކިޔާ އާރުންނާއި "ބޯދާ އާރޮ" ކިޔާ ކިލެގެފާނު އާރުންންނެވެ. ކިލެގެފާނަކީ ސުލްތާން މުޙައްމަދު ޣިޔާސުއްދީނުގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ.

މިހެން މިކަން އޮތުމުން، ފޯކައިދޫކޮއެ އާރު ކެނޑި ދުވަސްވަރަކާއި ފޯކައިދޫކޮއަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮވެއެވެ. ފޯކައިދޫކޮއެގެ އާރޭ ބުނުމުގެ އިތުރަށް ފޯކައިދޫކޮއެގެ ވާހަކަ އިތުރަށް ދައްކާ އަޑެއް ނީވެއެވެ. މި ލިޔުމުގައި ފޯކައިދޫކޮއާ ބެހޭގޮތުން އެނގުނު ހުރިހާ މަޢުލޫމާތެއް ހިމެނޭތޯ މަސައްކަތް ކުރީމެވެ.

ފޯކައިދޫކޮއެ ދިރިއުޅުނީ ވައުރުލު ދޮންއަލިމަނިކާގެ ދޮންމަނިކާގެ ވާރު އަލިދީދީއާ އެއް ދުވަސްވަރެއްގައިކަން ވަނީ އެނގިފައެވެ. އަދި ވާރު އަލިދީދީ ފޯކައިދޫކޮއަށް ޅިއަނު ވިދާޅުވާ ކަމަށާއި ހިރިހަމާދި ކަލޭގެފާނުގެ މަރިޔަމްދީދީ އާއި ފޯކައިދޫ ކޮއެ ކައިވެނި ކުރި ކަމަށާއި އެ ކައިވެންޏަށް ކުއްޖަކު ނެތް ކަމަށް ވާރު އަލިދީދީގެ ހަސަން އަލިދީދީ (ކަރާންގޭ ހަސަން އަލިދީދީ) ގެ ފަރާތުން މަޢުލޫމާތު ލިބުނެވެ. އަދި ހިރިހަމާދި ކަލޭގެފާނު ފުވައްމުލަކު އައްޑޫ ގޭގައި އުޅުއްވާއިރު ހެނދުނުގެ ނާސްތާއަށް ދޯބެއަގެ އާއިލާގެ ހުރިހާ އެންމެން އެ ގެއަށް ދާކަމަށް ވެސް ހަސަން އަލިދީދީގެ ފަރާތުން އެނގުނެވެ.

ކޮންމެއަކަސް ފޯކައިދޫކޮއެގެ ވާހަކަ ސާފު ކުރުމުގެ ނިޔަތުގައި ހުއްޓައި އަޅުގަނޑުގެ އެކުވެރި ހެލަބެލިމާގޭ އަބުދުﷲ އިބުރާހީމް އާ ދެމީހުން މެދުގައި ދެކެވުނު ވާހަކައެއްގައި ފޯކައިދޫކޮއިގެ ވާހަކަ ވެސް ވަނީ ދެކެވިފައެވެ.

އާދެ، ފޯކައިދޫކޮޔަކީ ފޯކައިދޫން ފުވައްމުލަކަށް އައި މީހެކެވެ. މީނާއަކީ މަސައްކަތްތެރި ހީވާގި މުރާލި މީހެކެވެ. ރަށު މީހުން އާންމުކޮށް ކުރާ ހުރިހާ މަސައްކަތެއް ކުރާ، މީހުންނާ ވަރަށް ގުޅޭ މީހެކެވެ. ރަށުގެ މީހުން އާންމުކޮށް ކުރާ މަސައްކަތުގެ އިތުރަށް ފޯކައިދޫކޮއި މަސްވެރިން މަހުން އައުމުން އެމީހުން ކައިރިއަށް ކާށި ހިފައިގެން ގޮސް ކާށި ދީފައި މަސް ގަތުމުގެ މަސައްކަތް ވެސް ކުރެއެވެ. ނަމަވެސް ރަށުގެ މީހުން އަހަރަކު އެއް ފަހަރު ކުރާ ސިލޯނު ދަތުރުކޮށެއް ނޫޅެއެވެ. މިހެން އުޅެނިކޮށް އެއް އަހަރެއްގެ އިރުވައި މޫސުމުގެ ފަހުކޮޅު ސިލޯނު ދަތުރަށް އޮޑިފަހަރު ތައްޔާރު ކުރުމުގެ މަސައްކަތުގައި މީހުން އަވަދިނެތި އުޅުނު ދުވަސްވަރު މީނާ ވާރުގެއަށް ދިއުމުން އެ ގެއިން ދިމާވި މީހަކު ސަމާސާއަކަށް ކޮބާ ކޮއި މި އަހަރު ވެސް ސިލޯނަށް ނުދާނަންހޭ އެހުމުން ނޫނެކޭ ތިމަން ވެސް ދާނަމޭ ބުނެފިއެވެ. ކޮންމެޔަކަސް އެ އަހަރު މޫސުން ލައިގަތުމުން އޮޑިފަހަރު ފުރިއިރު ކޮއި ވެސް އޮޑިއަކުން ސިލޯނަށް ހިނގައްޖެއެވެ. މީނާ އުޅެނީ އެހެން މީހުނާ ވަކިން ސިލޯނުގެ ތަފާތު ކާރުޚާނާތައް ހިންގާ ހިސާބުތަކުގައެވެ. އޮޑި ފުރަންވީއިރު ވެސް ކޮއި އޮޑިޔަށް މާކަ ގިނަ މުދަލެއް ނާރުވައެވެ. އެއްދުވަހު ކޮއި އޮޑިޔަށް އައިއިރު އައީ ސާމޯރެއް ހިފައިގެންނެވެ. މީހަކު ތީ ކީއްކުރާ އެއްޗެއްތޯ އެހުމުން ބުނިކަމަށް ވަނީ މިއީ ތިމަންނަ އޮޑީގެ ސާމޯރެވެ.

އެ ދަތުރު ނިމި ރަށަށް އައުމަށް ފަހުވެސް މީނާ އުޅެމުން އައީ ކުރިންވެސް އުޅުނު ގޮތަށެވެ. ޖެހިގެން އައި އަހަރު ވެސް މީނާ ސިލޯނަށް ހިނގައްޖެއެވެ. މިފަހަރު ކުރީފަހަރާ ޚިލާފަށް އެއްގަމުގައި އުޅެފައި އައިސް މިފަހަރު ތިމަންނަޔަށް ވެސް މުދާކޮޅެއް އަރުވަން ޖާގަ ދޭންވާނެއޭ ބުނެފިއެވެ. މީނާ މިހެން ބުނުމުން މެދުވައް ކޮއެ އަށޭ އޮޑި ވެރި ފަރާތުން ބުނީ މީނާޔަށް ޖެއްސުން ކުރުމުގެ ގޮތުންނެވެ.

ކޮންމެޔަކަސް ޖެހިގެން އައި ދުވަހު ބޮޑެތި ލޮރީތަކެއްގައި އައި ބަޔަކު އޮޑިޔާ ދިމާލުން ތޮށި މައްޗަށް ހަނޑުލާއި، ހަކުރާއި، ފުށާއި، ހަވާދުގެ ބާވަތްތަކާއި، ދިވެހިބޭހުގެ ބާވަތްތަކާއި، ފުށްކަފަ އާއި، ކަރާސީނާއި، ތެލި ތަށި ފަދަ ތަކެތީގެ އިތުރުން އެތައް ބާވަތްތަކެއް ހިމެނޭގޮތަށް ގިނަ އަދަދެއްގެ މުދާ ބާލައިފައި ހިނގައްޖެއެވެ. އިރުކޮޅަކުން ކޮއި އައިސް ކޮއިގެ މުދާކޮޅު އޮޑިޔަށް އަރުވަން އެހީވާންވީނޫންހޭ އެހުމުން އޮޑީގެ އެންމެން ބައިވެރިވެ އޮޑިޔަށް މި ހުރިހާ މުދަލެއް އެރުވިއިރު ކޮޔަށް ލިބުނު ވައް ފުރި އެހެން ވައްތަކުގައި ވެސް މުދާ ޖަހަން ޖެހުނެވެ.

މީނާއަށް މި ލިބުނު ކުއްލި މުއްސަނދިކަމުގެ ހަގީގަތާމެދު ވެސް އާދަޔާ ޚިލާފު ވާހަކައެއް ދެކެވޭކަމަށް ރަށުގެ ބައެއް ހަރުމީހުންގެ ފަރާތުންނާއި ފޯކައިދޫކޮއިގެ އާއިލާގެ މީހުންގެ ތެރެއިން ވެސް މައުލޫމާތު ލިބުނެވެ. އެ ވާހަކައަކީ ކޮއިގެ އެ ދަތުރު އެއްގަމަށް ފައިބައިގެން ހިނގަމުން ދަނިކޮށް އެނާޔަށް ދަބަހެއް ފެނުނު ވާހަކައެވެ. އެ ދަބަސް ފެނުމުން ދަބަސް އޮތް ދިމާލުން މަގުގެ އެއްކައިރީގައި މީނާގެ މަޑިސީލަ ހިފައިގެން އިނދެ އިރު އޮއްސި އެއް ދަން ހުސްވިއިރު ވެސް އެއްވެސް މީހެއްގެ ޚަބަރެއް ނުވުމުން ބެލިއިރު އެއީ ފައިސާ ދަބަހެކެވެ. މި ވާހަކަ މިގޮތަށް ކަރާންގޭ ހަސަން އަލިދީދީ ވެސް ކިޔައި ދެއްވިއެވެ. ކުރިން ދެންނެވި ސިލޯނު ދަތުރު ނިންމައި ރަށަށް އައުމަށްފަހު އޭނާއަކީ އަވަށުގެ އަދި ރަށުގެ މުއްސަނދީންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެކެވެ. މީނާގެ ކޮށާރުފަތި ހުރީ މިހާރު ކަންވެރިގޭ ހުރި ތަނުގައި ކަމަށް އެ އާއިލާގެ މެންބަރެއް ކަމަށްވާ ދޯޅަނބުގޭ އަލިދީދީގެ ފަރާތުން މައުލޫމާތު ލިބުނެވެ. އެ ކޮށާރުތައް ފަހުން ފޯކައިދޫ ކޮއި ވިއްކާލީ ކަމަށާއި އެ ވިޔަފާރި ގަތް ފަރާތުން ފޯކައިދޫކޮޔަށް ކަންވެރިކަން ކުރީ ކަމަށް ބުނެ އާންމުން އެ ގެއަށް ކަންވެރިގެ ކިޔައި ނަން ހަރުކުރީ ކަމަށްވެސް އަލިދީދީ މައުލޫމާތު ދިނެވެ.

ފޯކައިދޫކޮއި އެފަހަރު ރަށަށް އައިސް އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަޝްހޫރު ފޯކައިދޫ އާރު (ކޮއެއާރު) ކޮނުމުގެ މަސައްކަތް ކުރުމެވެ. މަސައްކަތް ކުރުމަށްޓަކައި ވެރިކަމުގެ ފަރާތުން ހޯދާން ޖެހޭ ހުއްދަ ހޯދައިގެން މަސައްކަތް ފެށުމަށް ރައްޔިތުންނަށް ގޮވާލުމުން ވަރަށް ފޯރީގައި ރައްޔިތުންވަނީ މަސައްކަތުގައި ބައިވެރިވެފައެވެ. އެކަމުގެ ބޭނުންތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވޭތީއެވެ. ކޮއިގެ މުއްސަނދިކަމާއި ތަނަވަސްކަމުން ވެސްމެއެވެ. ކާނުގެ މަސައްކަތާއެކު މީނާ ދިޔައީ އޮޑިއެއް ބަނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ކާނުގެ މަސައްކަތް ނިމި ފެން ބޭރު ކުރަން ފެށުމުން ކުރިޔަށްވުރެ ބޮޑަށް ރައްޔިތުން ވަނީ ކޮއިގެ ކިޔަމަނުގައިވެފައެވެ. މިދުވަސްވަރު ރަށުގައި މަސް ތަދުވުމުން މީނާ ރަށުގެ މަޝްހޫރު ބަންޑާރަ ކިޅިން ބޭނގު ހޯދަން އުޅުމުން ލިބޭގޮތެއް ނުވިއެވެ. މީނާ ރުޅިއައިސްގެން ރައްޔިތުން ގޮވައިގެން ގޮސް ހޯދަޑު ގިނިރާހިގެ އާއި ދިމާލުން ކުޅިއެއް ގޮތަށް ކޮނެ ސާފުކޮށް ހެދުމަށްފަހު އައްޑު އަތޮޅަށް ގޮސް ބޭނގު ޖަހައިގެން އައިސް އޭނާ ހެދި ކުޅިއަށް އަޅައިގެން އުޅުނު ވާހަކައަކީ މިހާރު ވެސް ހޯދަޑު އަވަށުގެ ބައެއް މުސްކުޅީން ދަންނަ ވާހަކައެކެވެ. ނަމަވެސް މިހާރު މި ކުޅި ވަނީ މުޅިން ހިކިފައެވެ.

މި ވާހަކައިގެ އިތުރުން ވެސް، ފޯކައިދޫ ކޮއެ ހަތް އޮޑި ބަން ވާހަކަ އާއި އެއިގެ އެއްވެސް އޮޑިއެއް އަނބުރައި ރަށަށް ނާންނަ ވާހަކަ ވެސް ދޫދޫ މަތީން ކިޔަމުން އައިސްފައިވެއެވެ. އެންމެ ފަހުން އޭނާ ބަން އޮޑި ފުރަން ތައްޔާރުވުމުން ރަށުގެ ހަރު މީހަކު ކޮޔާއޭ މިރޭ އޮޑި ތިޔަ ފުރުވަނީ މިރެއަކީ "އަހަރި ވެރުން ވެރޭ ރޭ ނޫންހޭ" ބުނުމުން އަހަރި ވެރުން ވެރެން ތިމަންނަގެ އޮޑީގެ ދެމައްޔާ ދޭތެރެ ނޫން ތަނެއް އޮންނާނެ ކަމަށް ބުނެ ފުރުވި އޮޑި ވެސް ކުރިން ފުރި ހަ އޮޑި އަށް ވީގޮތަށް ފުރުމުގެ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އޭގެ ފަހުން ކޮއި ވެސް އެ މަސައްކަތް ހުއްޓާލީއެވެ. "އަހަރި ވެރުން" މި ބަހަކީ ހިޖުރީ އަހަރު ފެށޭ ރެއަށް ނިސްބަތްކޮށް ރަށުގެ މުސްކުޅިން ބޭނުންކުރި ބަހެކެވެ. އެމީހުން ގަބޫލު ކުރާގޮތުގައި އަހަރުގެ ފުރަތަމަ ރޭ އާދަޔާ ޚިލާފު ކޮންމެވެސް ބޮޑު ކަމެއް ދިމާވާނެއެވެ. އޭރު މީނާއަކީ ރަށުގައި ބޭނުންކުރާ ވަދު ދޯންޏާއި މަސް ދޯނިފަހަރުގެ އިތުރަށް ބޮއްކުރާ ފަހަރުވެސް ދުއްވި މީހެކެވެ.

ފޯކައިދޫކޮޔާ ބެހޭގޮތުން އިތުރަށް ހޯދުނު ހޯދުމުން އެނގުނު ގޮތުގައި އޭނާ އަކީ ފުވައްމުލަކު ދިގުވާނޑު އަވަށު ބާށާނޑު ކިޔާ ގޭގައި އެދުވަސްވަރު އުޅުނު ބާށާނޑު މަރިޔާ މީރުބަހުރު ހަސަންފުޅާ އިނދެގެން ލިބުނު ދަރިންގެ ތެރެއިން ފާތިޔަ މިލަދުންމަޑުލު ފޯކައިދޫ ހުސޭނާއި އިނދެގެން ލިބުނު ދަރިންގެ ތެރެއިން ދަރިއެކެވެ. މީނާ ފުވައްމުލަކަށް އައުމުން އޭނާޔަށް ފޯކައިދޫ ކޮއި ކިޔައި ނަން ހަރުކުރީއެވެ. މީނާގެ އަރަބި ނަން އެނގޭ ގޮތެއް ނުވިއެވެ. ފޯކައިދޫ ކޮއި މިރަށުން އިނީ މަލްގަނޑި ކެއުޅުގެ ހައްވާފާނުގެ މަލްގަނޑި ދިޔެ އާ އެވެ. މި ދެމީހުން ދިރިއުޅުމަށް އެޅި ގެއަކީ ފުވައްމުލަކު ދޯބެއަގެ އެވެ. މި ގޭގެ ބަދިގެއަކީ ދެވަނައަށް މިރަށުގައި ރޭނި އިމާރާތެވެ. މި އިމާރާތް ރޭނީ އުވައިގެ ބަދަލުގައި އަޅިން ކަމުގައި ވެސް ދޯޅަނބުގޭ އަލިދީދީގެ ފަރާތުން މައުލޫމާތު ލިބުނެވެ. މިހާރު މިބަދިގެ ފެންނާކަށް ނެތެވެ. ނަމަވެސް ފޯކައިދޫ ކޮއެގެ ހުސޭނު ރޭނި ގޭގެ ތަންކޮޅެއް ފެންނަން އެބަހުއްޓެވެ.

މި ގެއަށް ދޯބެއަގެ ކިޔުނީ ފޯކައިދޫކޮއި ވާހަކަ ދައްކާއިރު މުޚާތަބު ކުރާ މީހާގެ އުމުރަށް ބެލުމެއް ނެތި ދައްކާ ވާހަކަ ނިންމާލަމުން "ދޯ ބޭބޭ" ކިޔާތީއެވެ. ފޯކައިދޫކޮއި އާ މަލްގަނޑި ދިއެގެ ދަރީންގެ ތެރެއިން އާއިލާ އެނގެނީ ދޯބެއަގެ ހުސޭނު އާއި ދޯބެއަގެ ދައިތަ އާއި ދޯބެއަގެ ރެކިދިއެގެ އެވެ. ދައިތަގެ އާއިލާއަކީ ފުވައްމުލަކު ދިގުވާނޑު ހުސޭނުގެ މޫސާ ކަލޯ އާއި އަހުމަދު ކަލޯ އާއި ކުދުކަލޯ (އަލީ) އެވެ. ހުސޭނުގެ މޫސާކަލޯ މާހުގޭ އެޅަކާނލޯދައިތަ އާ އިނދެގެން ލިބުނީ މުހަންމަދު މޫސާ (މިސްކިތްމަގު ކެލާގޭ މުހަންމަދުބެ) އާއި ފާތިމަތު މޫސާ އެވެ. މި ދެބެއިންގެ ވެސް ދަރިފަސްކޮޅު އެބަ އޮތެވެ. އަލްމަރުހޫމް ކެލާގޭ މުހަންމަދުބެއަ އަކީ އުމުރުގެ ގިނަ ދުވަސްތައް ކުދީންނަށް ގުރުއާން ކިޔަވައިދިނުމުގައި ހޭދަކުރެއްވި ގުރުއާނުގެ އިލްމުވެރިއެކެވެ. 1992 ވަނަ އަހަރު ތައުލީމަށް ޚިދުމަތްކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ މަރުހޫމް މުހަންމަދުބެ ވަނީ 58 އަހަރަށްވުރެ ދިގު މުއްދަކަށް ކުދީންނަށް ގުރުއާނުގެ އިލްމު އުނގަންނައި ދީފައެވެ. ފަންސާސް ފަސް ދޮޅަސް ކުދީން އަބަދުވެސް އެ ގެއަށް ކިޔަވަން ދެއެވެ. އަޅުގަނޑަށް ވެސް މުހަންމަދުބޭގެ މި ޚިދުމަތް ފެނުމުގެ ނަސީބު ލިބުނެވެ. ކެލާގޭ މުހަންމަދުބެގެ ހަނދާނީ ގުރުއާން މުބާރާތް މި ނަމުގައި ރާއްޖޭގެ މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ވަނީ ގުރުއާން މުބާރާތްތަކެއް ވެސް ބާއްވާފައެވެ.

ހުސޭނުގެ މުހަންމަދުކަލޯ ކައިވެނި ކުރީ ހާޖީ ބަންޑާރައިންގެ އިބުރާހީމް ފާމުލަދޭރި ކިލަގެފާނުގެ ހުނުބޮލިއެ ހުސޭން ދީދީގެ ފުނާޑު ގަނޑުވަރު ސަންފާ ދީދީގެ ސީނިއަމާގެ މޫސާ ދީދީގެ ވަލިގެ އާއިޝަތު ދީދީއާ އެވެ. މި ދެމަފިރިންގެ ދަރިންނަކީ ހުސޭނުގެ އަހުމަދު ދީދީ އާއި ހުސޭނުގެ އާމިނަތު ދީދީ އެވެ. އަހުމަދު ދީދީގެ ދަރިފަސްކޮޅެއް ނެތެވެ. އާމިނަތު ދީދީގެ ދަރިފަސްކޮޅު އެބައޮތެވެ. ހުސޭނުގެ ކުދުކަލޯ އަލީ ދަޑިމަގު މިސްކިތް ދޮށުގޭ ފާތިމާފާނާއި އިނދެގެން ލިބުނީ އާއިޝަތު އަލީ އާއި ޒުލައިޚާ އަލީ އެވެ. މި ޒުލައިޚާ އަލީ ދަޑިމަގު ދޮންބަގީޗާގޭ (ހުސޭންބެއަގެ) އަލި ދީދީއާ އިނދެގެން ދަރިފަސްކޮޅު އެބަ އޮތެވެ. ހުސޭނުގެ ކުދުކަލޯ މާހުގޭ ކުދުކޮއަގެ މަރިޔަމް ދިޔެއާ ކައިވެނި ކޮށްގެން އުފެދުނު ދަރިކޮޅު އޮތީ ދަޑިމަގު ރަތްފުސްގޭގައެވެ. ފޯކައިދޫކޮއަގެ ފިރިހެންދަރި ދޯބެއަގެ ހުސޭނު ކައިވެނި ކުރީ ހާޖީ ބަންޑާރައިންގެ އިބުރާހިމް ފާމުލަދޭރި ކިލަގެފާނުގެ ހަސަން ދީދީގެ ފެނާތުރެ ދޮންދީދީގެ މަރިޔަމް ދީދީގެ (މި މަރިޔަމް ދީދީ އަކީ ހިރިހަމާދި ކަލޭގެފާނުގެ ދަރިއެކެވެ) ދަލޭކާ ދީދީއާ އެވެ. މި ކައިވެންޏަށް ދޯބެއަގެ މުހަންމަދު ދީދީ އާއި އައިސާ ދީދީ އާއި އަހުމަދު ދީދީ ލިބި މި މީސްމީހުންގެ ދަރިފަސްކޮޅު އެބަ އޮތެވެ. ދޯބެއަގެ މުހަންމަދު ދީދީގެ ދަރިކޮޅު ގ.ދ ގައްދޫ އާއި ސ. ހިތަދޫ އަދި ފުވައްމުލަކުގައި ވެސް އެބަ އޮތެވެ. ދޯބެއަގެ އައިސާ ދީދީގެ ދަރިންނަކީ ހޯދަޑު މާލެހި ކިޔާ ގެއަށް ނިސްބަތްވާ އަލި ދީދީ، ޙައްވާ ދީދީ، މަރިޔަމްދީދީ، އާމިނަތު ދީދީ، އަދި ފާތިމަތު ދީދީ އެވެ. ދޯބެއަގެ އަހުމަދު ދީދީ ފުރަތަމަ ކައިވެނި ކުރީ އިސްދޫ ދަރިކޮޅުގެ 7 ވަނަ އަލިރަސްގެފާނުގެ 10 ވަނަ ހަސަން ރަސްގެފާނުގެ އިބުރާހީމް މަނިކުފާނުގެ ހުސޭން މަނިކުފާނުގެ އަލި މަނިކުފާނުގެ (ހުޅުދޫ ރަހާ) ބޮނޑޮރަހާގެ މަރިޔަމް މަނިކުފާނުގެ އައިސާ މަނިކުފާނުގެ ދޭލިގޭ އިބުރާހީމް ތައްޚާނުގެ ސަންފާ މަނިކެއާ އެވެ. މި ބަނޑަށް ލިބުނީ ރަޖީނާގޭ އިބުރާހީމް ދީދީ އެވެ. އަހުމަދު ދީދީ ދެވަނައަށް ކައިވެނި ކުރީ މުހަންމަދު ޣިޔާސުއްދީނުގެ އިބުރާހީމް ފާމުލަދޭރި ކިލަގެފާނުގެ ކަރައްޔެ މުހަންމަދު ދީދީގެ އިބުރާހިމް ދީދީގެ މުހަންމަދު ދީދީގެ ކަރައްޔެ މަރިޔަމް ދީދީއާ އެވެ. މި ބަނޑަށް ލިބުނީ ދޯބެއަގެ ހުސޭން އަހުމަދު ދީދީ (ފެހިއަލި ހުސޭން ދީދީ) ދޯބެއަގެ ސަޢީދު (ދިގުވާނޑު ފިނިރޯޅި ސަޢީދު) ހޯދަޑު ދޯބެއަގެ އަލިދީދީ (ދޯޅަނބުގޭ އަލި ދީދީ) އެވެ. އަދި ހޯދަޑު އެޅަމީހާގެ ހައްވާފާނާ އިނދެގެން ވެސް ކުއްޖަކު ލިބި އެ ފަރާތުގައި ވެސް އާއިލާ އެބަ އޮތެވެ. ދޯބެއަގެ ރެކިދިއެގެ މަރިޔަމްދިއެ އާއި މިރަށު ބޮޑުމަގުގޭ މޫސާ އަހުމަދު އިނދެގެން ހަތް ފިރިހެން ކުދީން ލިބުނެވެ. އެއީ އިބުރާޙިމް މޫސާ ހޯދަޑު ހަރުމަލުގެ، އަލީމޫސާ ހޯދަޑު މާބުރުގެ، މުހަންމަދު މޫސާ ހޯދަޑު ސަރުސޫނުމާގެ، އަހުމަދު މޫސާ ހޯދަޑު ވައިފިލާގެ، ހަމީދު މޫސާ ހޯދަޑު ނީލޯފަރުގެ، ހުސޭން މޫސާ ހޯދަޑު މޫސުން، ހަސަން މޫސާ ހޯދަޑު މުގުރިގެ އެވެ. މި ހުރިހާ ފަރާތެއްގެ ވެސް އާއިލާ އެބަ އޮތެވެ. ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙަންމަދު ރަޝީދަކީ ހަރުމަލުގޭ އިބުރާހިމް މޫސާގެ އަލީ އިބުރާހީމްގެ ބެއިފުޅެކެވެ. ހަރުމަލުގޭ އިބުރާހިމް މޫސާގެ މުހަންމަދު އިބުރާހީމަކީ 1985 އިން 2005 އަށް ގާޟީކަން ކުރެއްވި ބެއިފުޅެކެވެ. އޭނާ ގާޟީކަން ކުރެއްވެވި ރަށްރަށުގެ ތެރޭގައި ދ. މީދޫއާއި ކ. މާފުށްޓާއި، ހުވަދު އަތޮޅު ކޮލަމާފުށި ހިމެނެއެވެ. 2008 ގައި އިންތިޚާބު ކުރެވުނު ކައުންސެލަރުންގެ ތެރެއިން އިބުރާހިމް ފިކުރީ ހުސޭނަކީ މަތީގައި ބަޔާން ކުރެވުނު ދޯބެއަގެ ހުސޭންދީދީގެ ބެއިފުޅެކެވެ. އިބުރާހިމް ފިކުރީ ވަނީ ފުވައްމުލަކު އޮފީސް ހިންގަވާފައެވެ. މީގެ އިތުރުން ވެސް އަވަށާއި ރަށަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ.

މިހިސާބުން ފޯކައިދޫކޮއި އުޅުނު ދުވަސްވަރަކާ މެދު ވެސް ވިސްނުން ހިންގަންޖެހެއެވެ ފުވައްމުލަކު ހިރިހަމާދި ކަލޭގެފާނާ ބެހޭގޮތުން ގ.ދ ތިނަދޫ އަބުދުﷲ ހިލްމީ ލިޔުއްވެވި ލިޔުމުގައި ހިރިހަމާދި ކަލޭގެފާނުގެ މަރިޔަމްދީދީ ދޯބެއަގޭގައި ހުރިކަން އެނގެއެވެ. ކުރިން ދެންނެވި ކަރާންގޭ ހަސަން އަލިދީދީގެ ބަސްފުޅަށް މި ލިޔުމުން ބާރު ލިބެއެވެ. އެހެންކަމުން ފޯކައިދޫކޮއެ އުޅެފައި ވަނީ މީގެ 180 ވަރަކަށް އަހަރު ކުރިން 1840 ގައިކަމަށް ބެލެވިދާނެއެވެ. 1904 އިން ފެށިގެން 1922 ވަނަ އަހަރު ފާއިތުވިއިރު ވެސް ވާރުވެރިޔަކީ ވާރު އަލިދީދީ އެވެ. އެހެންކަމުން ވާރު އަލިދީދިގެ ދައްތަ އާއި ފޯކައިދޫކޮއި ދޯބެއަ ކައިވެނިކޮށްގެން އެ ދެ އާއިލާ އެކީގައި އުޅުމުގެ ފުރުސަތު އަބައޮތެވެ.

ފޯކައިދޫކޮއެ ފަދަ ޝަޚުޞިއްޔަތަކާ ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ހުންނާނެ އެވެ. އެހެންކަމުން، އިތުރު ދިމަދިމާއިން އިތުރު ދިރާސާ ކުރަން ޖެހެއެވެ. މި މަސައްކަތަކީ އެ ކަމުގެ ފެށުން ކަމުގައި ބައްލަވައިގެން އިތުރު ބެއިފުޅުން އިތުރަށް ދިރާސާ ކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ. ކޮންމެޔަކަސް މީގެ 180 ވަރަކަށް އަހަރު ކުރިން ފޯކައިދޫކޮއި ދޯބެއަ އަކީ ހޯދަޑު އަވަށުގައި ހުރި އެންމެ ފޯރާ ތަނަވަސް މީހާ ކަމަށް ވީ ފަދައިން މިއަދު 2021 ގައި ވެސް އެ އަވަށުގައި ތިބި އެންމެ ފޯރާ ތަނަވަސް މީހުންނަކީ އެ އާއިލާގެ މެންބަރުންކަން ފާހަގަކުރެވެއެވެ.

ފޯކައިދޫކޮއި އާ ގުޅުން ހުރި އާއިލާތަކާ ބެހޭ މައުލޫމާތަކީ ވިދުވަރުގޭ އަލްމަރުހޫމް އަލިދީދީގެ ފަރާތުން ދަޑިމަގު ޑޭޒީ އައްޝައިޚު ހުސައިން ނަޝާތު އިބުރާހީމަށް ލިބިވަޑައިގެންނެވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ޝައިޚު ޙުސޭން ނަޝާތު އިބުރާހީމް އަޅުގަނޑަށް ދެއްވި މައުލޫމާތެވެ. ފޯކައިދޫ ކޮއެގެ ޢާއިލާއިން ފުވައްމުލަކަށް ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ތާރީޚު ދިރާސާ ކުރުމުން އެނގެއެވެ. މާތް ﷲ މި ހުރިހާ ފަރާތްތަކެއްގެ ފާފަ ފުއްސަވައި ރަޙުމަތް ލައްވާށިއެވެ.

ޤައުމަކަށް ކުރި ޚިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި
އައުކަމާ ތާޒާކަމާ ފެހިކަން ނަމަށް ދާއިމުވެދާށި

******

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.