ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ފަށައިފިއެވެ.
ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލީ އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު މީގެ ކުރިން "ވަން"އަށް ވިދާޅުވެފައިވަނީ ކަފާލާތުގެ ދަށުން އައްމަޓީ މިނިވަންކުރަން ނިންމި ނިންމުމުގެ މުޅި މަފްހޫމް ގޯސް ކަމަށެވެ. ޝަމީމު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނާ ހިލާފު ޖަމީނު ވުމެކެވެ.
ޝަމީމު އިތުރަށް ވިދާޅުވެފައި ވަނީ އައްމަޓީ ދޫކޮށްލުމަށް ހުކުމްކުރި އަޑުއެހުމުގައި ޕީޖީގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކުރާ އިރު، ޖާމިނު ކުރާނެ ގޮތުގެ މަފްހޫމް ޝަރީއަތަށް ކިޔައިދޭން މަސައްކަތްކުރި ނަމަވެސް ޝަރީއަތުން އެކަމަށް ފުރުސަތު ދީފައިނުވުމުން އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
މިއަދު ވަނީ ހައި ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފައެވެ. މިއަދު 15:30 އަށް އަޑުއެހުން ތާވަލުކޮށްފައިވީ ނަމަވެސް ތާވަލަށް ބަދަލު ގެނައިކަން އާންމުނުކޮށް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އަޑުއެހުން ބާއްވައިފައެވެ. އަދިވެސް ހައިކޯޓުގެ ވެބްސައިޓުގައި އައްމަޓީގެ ޝަރީއަތް ފަށާނެ ގަޑިއަކަށް ޖަހާފައި އޮތީ މެންދުރުފަހު 15:30 އެވެ.
އެ ގަޑީގައި ޝަރީއަތް ނުފެށި ލަސްވާތީ "ވަން"އިން ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލަށް ގުޅުމުން ވިދާޅުވީ، ޝެޑިއުލް ބަދަލުވިކަން އާންމު ނުކުރެވުނުތީ މައާފަށް އެދޭ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން"އަށް ވިދާޅުވީ އިސްތިއުނާފީ މައިގަނޑު ނުކުތާއަކީ ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން ނިންމި ނިންމުން ގާނޫނާ ހިލާފުކަން ސާބިތުކޮށް ދިނުމަށް ހުށަހެޅި ނުކުތާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ. އެ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. އައްމަޓީ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު